ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ފެސިލިޓީތަކަށް އަމާޒުކޮށް 2018 ވަނަ އަހަރާއި 2020 ވަނަ އަހަރާ ދެމެދު ފާއިތުވީ 3 އަހަރު ދުވަހުގެ ތެރޭގައި ދީފައި ވާ ހަމަލާތަކުގައި، 700 އަށް ވުރެ ގިނަ ސިއްހީ ހިދުމަތްތެރިންނާއި ޕޭޝަންޓުންގެ ފުރާނަ ދުއްވާލާފައި ވާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
ޑަބްލިއުއެޗްއޯއިން އާންމު ކޮށްފައި ވާ ސާވޭލަންސް ސިސްޓަމް ފޮ އެޓޭކްސް އޮން ހެލްތު ކެއާ (2018-2020) އަށް ތަފާސް ހިސާބުތައް އެއްކޮށްފައި ވަނީ، ކުއްލި ހާލަތުގައި އޮތް ނާޒުކު 17 ގައުމަކުންނެވެ. އޭގެ ތެރޭގައި އިތިއޮޕިއާ، ޔަމަން، ސޫރިއާ، ފަލަސްތީނު، މިޔަންމާ އަދި ސޯމާލިއާ ފަދަ ގައުމުތައް ހިމެނެއެވެ.
ޑަބްލިއުއެޗްއޯގެ ހެލްތު އެމާޖެންސީސް އިންޓަވެންޝަން ޑައިރެކްޓާ، އަލްތޯފް މުސާނީ ވިދާޅުވީ ސިއްހީ ހިދުމަތްދޭ އެތައް ސަތޭކަ ފެސިލިޓީއެއް ސުންނާފަތިކޮށް ނުވަތަ ބަންދު ކޮށްފައި ވާ ކަމީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި ސިއްހީ ހިދުމަތްތެރިން މަރާލުމާއި އަނިޔާ ދިނުން ފަދަ ޖަރީމާތައް ހިންގާ، އާންމުންނަށް ހައްގު ސިއްހީ ފަރުވާއިން އެ ބަޔަކު މަހްރޫމު ކުރެވިފައި ވާ ކަމީވެސް ކަންބޮޑުވުމެއް ކަމަށް އެނާ ވަނީ ވިދާޅުވެފައެވެ.
ތަފާސް ހިސާބުތަކުގެ ތަފްސީލު ހިއްސާ ކުރައްވަމުން މުސާނީ ވިދާޅުވީ، 2020 ވަނަ އަހަރު ދީފައި ވާ ހަމަލާތަކަށް ބަލާއިރު، ކޮންމެ 6 ހަމަލާއަކުން 1 ހަމަލާގައި ސިއްހީ ހިދުމަތްތެރިއެއް ނުވަތަ ޕޭޝަންޓެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށެވެ.
ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި، ސިއްހީ ހިދުމަތަށް އަމާޒުކޮށް ދޭ ހަމަލާތަކަކީ، އެ ހަމަލާތަކުގެ އަސަރު، އޭގެ އެންމެ އިންތިހާއަށް ކުރުވާ ކަމެއް ކަމަށް ޑަބްލިއުއެޗްއޯގެ ރިޕޯޓް ގައި ވަނީ އިންޒާރު ކޮށްފައެވެ.
ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ހަމަލާ ދިނުމުގެ ނުސީދާ އަސަރުގެ އިންޒާރުވެސް ޑަބްލިއުއެޗްއޯއިން ވަނީ ދީފައެވެ. އެގޮތުން ސިއްހީ ހިދުމަތްތެރިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ނޭދެވޭ އަސަރު ފޯރާ، ވަޒީފާ އަދާ ކުރަން ނިކުތުމަށް ސިއްހީ ހިދުމަތްތެރިން އުޒުރުވެރި ވާ ކަން ޑަބްލިއުއެޗްއޯއިން ވަނީ ފާހަގަ ކޮށްފައެވެ. އެންމެ ހަމަލާއާ ގުޅިގެން ރާޅު ބާނީތަކެއްގެ ގޮތުގައި އުފެދިގެން އަންނަ މި އަސަރުތައް ދެމިގެން ދާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.