ގައުމު މިނިވަންކުރުމުގެ ނަމުގައި ޕީޕީއެމް/ޕީއެންސީން ފަށާފައިވާ ކެމްޕޭނުގައި ސިޔާސީ ލީޑަރުން ބައިވެރިވެވަޑައި ނުގަންނަވަނީ އަމިއްލަ އެދުން ބޮޑު ވީމާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަނުން އިފުތިތާހު ކުރި "މިނިވަންކަމުގެ ދިފާއުގައި-ދިވެހިން" ކެމްޕޭންގެ ރަސްމީ ދައުވަތު ވަނީ މި ސަރުކާރު ކޯލިޝަން ބައިވެރިވެރިންނަށް ދީފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، ގައުމު މިނިވަންކުރުމުގެ ނަމުގައި ޕީޕީއެމް/ޕީއެންސީން ފަށާފައިވާ ކެމްޕޭނުގައި ބައިވެެރިވާން، ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރުއެމް އަށް ފޮނުވި ދައުވަތު ގަބޫލު ނުކުރިޔަސް އެ ކެމްޕޭން ކުރިއަށް ގެންދަވާނެ ކަމަށެވެ.

މި ވަގުތު ގައުމުގެ މިނިވަންކަމުގެ ހާލަތު މި ވަނީ ސުވާލު އުފެދޭ ފައްތަރެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. މި ފަދަ ހާލަތެއްގައި ގައުމު އޮތް އިރު ގައުމާ ގުޅުން ހުންނަ ކަންކަން އިސް ކުރުމާއި ގައުމުގެ މިނިވަންކަމަށް އިސްވެ މަސައްކަތް ކުރެވެން ވާނެ ކަމަށް ގަބޫލުކުރައްވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި މި ފަދަ ހާލާތެއްގައި އެ ޕާޓީން ދިން ދައުވަތު އެ ބޭފުޅުން ގަބޫލު ނުކުރެއްވުމަކީ އެ ބޭފުޅުންގެ އަމިއްލަ އެދުން ބޮޑުވެފައިވާ މިންވަރު ހާމަވި ކަމެއް ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

"އެމްއާރްއެމުން އެބަ އޮތް ޖަވާބު ދީފަ. ބޭނުމެއް ނޫނޭ ބައިވެރިވާކަށް. އެހެން ފަރާތްތަކުން ރަސްމީ ޖަވާބެއް ނުދެއްވާ. އެކަމަކު މީޑިއާގައި ޝައުގުވެރިކަން ނެތް ކަމަށް ވިދާޅުވެފައި އެބަ ހުރި. އަޅުގަނޑު ގަބޫލު ކުރަނީ އެއީ އަމިއްލަ އެދުން ބޮޑުވީމައޭ އެބޭފުޅުން މި ކެމްޕޭނުގައި ބައިވެރިނުވާން އެ އުޅެނީ."
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އިދިކޮޅު ކޯލިޝަންގެ ފަރާތުން ރާއްޖެ މިނިވަން ކުރުމުގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފަިއވާ ކެމްޕޭނަށް ހާއްސަ ކޮމެޓީއެއް އެކުލަވާލައި އެ ކޮމިޓީން ހާއްސަ މަސަައްކަތްތަކެއް ކުރަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެ ކޮމިޓީން ކުރަމުންދާ މަސައްކަތުގެ ތަފްސީލާއި ކުރިއަށް ރޭވިފައި ހުރި މަސައްކަތުގެ ތަފްސީލް ހިއްސާ ކުރުމަށް މީޑިއާއާ ބައްދަލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ކެމްޕޭނުގައި ބައިވެރިވުމަށް ސިޔާސީ ޕާޓީތަކަށް ގޮވާލުމުން އެ ކެމްޕޭނުގައި ބައިވެރިވާން ބޭނުން ނުވާ ކަމަށް އެމްއާރްއެމުން ވަނީ ރަސްމީކޮށް ބުނެފައެވެ. އަދި ޖޭޕީއާއި އޭޕީން ވަނީ އެކަމުގެ ޝައުގުވެރިކަން ނެތްކަމަށް ބުނެ މީޑިއާގައި ވާހަކަ ދައްކާފައެވެ.

އެގޮތުން އަދާލަތުން ބުނީ، ރާއްޖޭގެ މިނިވަންކަމަށް ލޮޅުމެއް އަރާ ފަދަ ހާލަތެއް މިވަގުތު ނެތް ކަމަށާއި އިދިކޮޅުގެ ދައުވަތު ގަބޫލުނުކުރާ ކަމަށެވެ.

ހަމައެއާއެކު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، ކޮވިޑްގެ ހާލަތުން ކިރިޔާ އަރައިގަނެވޭ ހިސާބަށް ދިއުމާއެކު ސިޔާސީ ކަންކަން ފަށަން އަދި މާ އަވަސް ކަމަށެވެ.