މިއަދު ރައްޔިތުންގެ މަޖިލީހުގެ ގޭޓު ކުރިމަތީގައި ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު އޮށޯވެ އިހުތިޖާޖު ކުރެއްވި އިރު އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަން ހާމަވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމަތު ދެއްވަމުން ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވީ، މެންބަރު ޖާބިރުގެ ޕާސްޕޯޓު އޮތީ ހިފަހައްޓާފައި ކަމަށެވެ. އަދި މިދިޔަ ހަފްތާގައި ވެސް ޖާބިރު ފުރާވަޑައިގަންނަވަން އުޅުއްވި އިރު ވެސް ޕާސްޕޯޓް ހިފަހައްޓާފައި އޮތުުމުން ފުރާވަޑައި ނުގެންނެވުނު ކަމަށް ހަނަފީ ވިދާޅުވިއެވެ.

ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓާފައި ވާއިރު، ޕާސްޕޯޓް ހިފެހެއްޓީ ކޮން ސަބަބަކާ ހުރެ ކަން ހަނަފީ ވިދާޅެއް ނުވެއެވެ. މި ކަމާ ގުޅިގެން ޖާބިރުގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ. ނަމަވެސް ބައެއް މަސްދަރުތަކުން އެނގޭ ގޮތުގައި އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތީ އޭނާގެ މުވައްޒަފުންތަކަކަށް މުސާރަ ނުދީގެން އެމީހުން ކޯޓުގައި ޖެއްސި މައްސަލައަކާ ގުޅިގެންނެވެ.

ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓާފައި ވާއިރު، މިއަދު އޭނާ ވަނީ ރައްޔިތުން މަޖިލީހުގެ ދޮރު ކުރިމަތީ އެކަހެރި އިހުތިޖާޖެއް ކުރައްވާފައެވެ. ޖާބިރު އިހްތިޖާޖު ކުރައްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ހާޒިރު ކުރަން ޖެހޭ ކަމަށާއި، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މަގާމުން ވަކި ކުރަން ޖެހޭ ކަމަށް ގޮވާލަައްވައި އައުގުރާނެވެސް ގޮވާލައްވަމުންނެވެ.

ޖާބިރުގެ އިހުތިޖާޖުގެ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި އާންމުވެފައި ވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާގެ އަތުގައި އޮތް ފެންފުޅި އަކުން ބޮލަށައި ގަޔަށް ފެން އަޅުއްވާ މަންޒަރާއި ކޮޅަށް ހުންނަވައިގެން ހަޅޭއްލަވަމުން ގެންދަވާ މަންޒަރު ފެނެއެވެ. އަދި އިރުކޮޅަކުން އިށީދެވަޑައިގެން އިންނެވުމަށް ފަހު ފަހުން އޮށޯންނަވާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނިގެން ދެއެވެ.

ޖާބިރު އިހްތިޖާޖު ކުރައްވަމުން ގެންދެވި ވަގުތު އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު ވަނީ އެ ސަރަހައްދަށް ވަޑައިގެން ޖާބިރު އެތަނުން ގެންދިއުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ޖާބިރު އެތަނުން ވަޑައިނުގެންނެވުމުން ދިޔާނާ ވަނީ ޖާބިރުގެ ފޯނު އޭނާއަތުން ހޯއްދަވައިގެން ފަހުން އެ ސަރަހައްދު ދޫކޮށް ވަޑައިގެންފައެވެ.

ޖާބިރު އެކަހެރި އިހްތިޖާޖެއް ކުރައްވަމުން ގެންދެވި އިރު އެއްވެސް މީހަކު ޖާބިރަށް ހުރަސް އަޅާފައެއް ނުވެއެވެ. އިރުކޮޅަކު އިހްތިޖާޖު ކުރެއްވުމަށް ފަހު ޖާބިރު ވަނީ އެ ސަރަހައްދު ދޫކުރައްވާ، ވަޑައިގެންފައެވެ. ޖާބިރު އަކީ ތަފާތު ކަންކަން ކުރައްވާ މެންބަރެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އިރު މި އިހުތިޖާޖާ ގުޅިގެން ޖާބިރަށް ވަނީ އާންމުންގެ ފާޑުކިޔުން އަމާޒުވެފައެވެ.