ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު އަދުހަމް އަހުމަދު ރަޝީދު އިއުތިރާފުން ރުޖޫއަ ވެއްޖެނަމަ ވެސް 37 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް (ޕީޖީ) ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ އަދުހަމް އިއުތިރާފްގެ އެއްބަސްވުމުން ރުޖޫއަވީ ކަމުގައި ވިޔަސް އަދުހަމްގެ މައްޗަށް އުފުލާފައިވާ 3 ދައުވާ ސާބިތު ކުރެވޭނެ ވަރަށް ހެކި ލިބިވަޑައިގެންފައި ވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 1 ދައްވާއެއް އުފުލުމުގައި ގޮންޖެހުން ދިމާވި ކަމަށާއި އެ ދައުވާ ސާބިތު ނުވި ނަމަވެސް ބާކީ 2 ދައުވާ ސާބިތުވެ އެ ދެ ދައުވާއަށް 37 އަހަރުގެ ޖަލުހުކުމެއް އަންނަ ވަރުގެ ހެކި ލިބިވަޑައިގެންފައި އެބަހުރި ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އަދުހަމްގެ މައްޗަށް އުފުލާ 3 ދައުވާގެ ތެރެއިން އެއް ދައުވާ ސާބިތު ކުރެވޭނީ ނުވަތަ ސާބިތު ވިޔަސް އަދަބު ކަނޑައެޅޭނީ ގާނޫނުލްއުގޫބާތުގެ 94 ވަނަ މާއްދާގައި އޮންނަ ގޮތުން ކަމަށެވެ. ގާނޫނުލްއުގޫބާތުގެ 94 ވަނަ މާއްދާގައި ވަނީ އެއް ކުށަށް ވުރެ ގިނަ ކުށަށް ދައުވާ ކުރުމެވެ. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ ދައުވާ ރައްދުވާ ފަރާތުން ކުރާ ކުށުގެ އެއް އަމަލުގެ ސަބަބުން، އެއް ކުށަށް ވުރެ ގިނަ ކުށުގެ ރުކުން ފުރިހަމަ ވާކަމުގައި ވާނަމަ، އެއިން ކޮންމެ ކުށަކަށް އޭނާގެ މައްޗަށް ދައުވާ އުފުލައި އެއިން ކޮންމެ ކުށެއް އޭނާގެ މައްޗަށް ސާބިތު ކުރެވިދާނެ ކަމަށެވެ. އަދި (ށ) ގައި ވަނީ ދައުވާ ރައްދުވާ ފަރާތް ދެ ކުށަކުން ނުވަތަ ކުށެއްގެ ދެ ދަރަޖައަކުން ކުށްވެރިވާކަމަށް ކޯޓަށް ސާބިތު ވާނަމަވެސް، އަދި އެކަން ކަމަށް ދައުވާ ރައްދުވާ ފަރާތުން ޒިންމާ އުފުލަން ޖެހޭކަން ސާބިތުވާކަމުގައި ވީނަމަވެސް، އަންނަނިވި ހާލަތްތައް އެހެން ހުރެއްޖެނަމަ، އެ ދެ ކުށުގެ ތެރެއިން އެއް ކުށަށް މެނުވީ، ކޯޓުން އަދަބު ކަނޑައަޅައިގެން ނުވާނެކަމަށެވެ.

އެ ދެ ކުށްވެސް ބިނާވެގެން ވަނީ އެއް އަމަލެއްގެ މައްޗަށް ކަމުގައި ވުމާއި؛ އަދި

  • (i) އެ ދެ ކުށުގެ ތެރެއިން އެއް ކުށުން ލިބުނު ގެއްލުމަކީ: (ހހ) އަނެއް ކުށުގެ ތެރޭގައި ފުރިހަމައަށް ހިމެނިގެންވާ ގެއްލުމަކަށްވުން؛ ނުވަތަ (ށށ) ދެ ކުށަކީވެސް އެއްގޮތް ދެ ކުށް ކަމުގައި ވީނަމަވެސް އެއް ކުށަށް ވުރެ އަނެއް ކުށުގެ ދަރަޖަ ތިރިވުން؛ ނުވަތަ
  • (ii) އެ ދެ ކުށް ތަފާތުވެގެންދަނީ ހަމައެކަނި އަންނަނިވި ގޮތުގައި ކަމުގައިވުން؛ (ހހ) އެއް ކުށުން ހަމައެކަނި މަނާކުރަނީ ވަކި ބާވަތެއްގެ އަމަލެއް ވަރަށް އާންމުކޮށްކަމުގައި ވުމާއި، އަނެއް ކުށުން މަނާކުރަނީ އެ ބާވަތުގެ އަމަލުގެ ވަކި ހާލަތެއްކަމުގައިވުން؛ ނުވަތަ (ށށ) އަނެއްކުށުން ލިބުނު ގެއްލުމަށްވުރެ ކުޑަ މިންވަރަކަށް ވީނަމަވެސް، ދެކުށުންވެސް ލިބުނީ އެއްބާވަތެއްގެ ގެއްލުމަކަށްވުން.
  • (iii) އޭނާ ކުރި ކުށްތައް މާނަކުރެވިފައިވަނީ ހިނގަމުންދާ އަމަލުތަކެއްގެ މައްޗަށް ބިނާކޮށްކަމުގައި ވުމާއި، ދައުވާ ރައްދުވާ ފަރާތުގެ އަމަލުތަކަށް އެއްވެސް ގޮތަކަށް ހުއްޓުމެއް އައިސްފައި ނުވުން. (ނަމަވެސް އެއީ، އޭނާގެ އަމަލުގެ އެކި ބައިބަޔަކީ ވަކި ކުށުގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައި ނުވާނަމައެވެ.)

ދެ ކުށުގެ ތެރެއިން އެއް ކުށުގައި ހިމެނިގެންވާ އަމަލަކީ އޭގެ ޒާތުގައި ފުރިހަމަނުވާ ކުށަކަށް ވުމާއި؛

  • (i) އެހެން ކުށެއް ފުރިހަމަކުރުމަށްޓަކައި ކުރެވޭ އަމަލެއްކަމުގައިވުން؛ ނުވަތަ
  • (ii) ދެ ކުށަކީ، ވަކި ދެ ކުށްކަމުގައި ވީނަމަވެސް، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއް ކުށާއި އަނެއް ކުށާ ދެމެދު ގުޅުމެއް ހުރުން.

އެއިން ކޮންމެ ކުށަކީވެސް އޭގެ ޒާތުގައި ފުރިހަމަނުވާ ކުށުގެ އަމަލަކަށް ވުމާއި އެއިން ކޮންމެ ކުށަކީވެސް އެހެން ވަކި ކުށެއް ކުރުމަށްޓަކައި ކުރެވުނު އަމަލެއްކަމުގައި ވުން، ނުވަތަ ދެ ކުށުގެ ތެރެއިން އެއް ކުށަކީ ދައުވާ ރައްދުވާ ފަރާތުން ސީދާ ކުރި އަމަލެއްގެ މައްޗަށް ބިނާވެފައިވާ ކުށަކަށް ވުމާއި، އަނެއް ކުށް ބިނާވެގެން ވަނީ ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ ދަށުން އެހެން މީހެއްގެ އަމަލަކަށް ޒިންމާ އުފުލަންޖެހޭ ހައިސިއްޔަތުން ކަމުގައިވުން ހިމެނެއެވެ. އަދި އެ ކުށްތައް ކުރިކަން ސާބިތުކުރުމަށް ބޭނުންކުރާ ހަގީގަތްތައް، އެއް ހަގީގަތް އަނެއް ހަގީގަތާ ތައާރުޒުވުން ވެސް ހިމެނެއެވެ.

ހަމައެއާއެކު މި މާއްދާގެ ދަށުން އަދަބު ކަނޑައަޅާނަމަ، އެއް ހުކުމަށް ވުރެ ގިނަ ހުކުމް ކަނޑައެޅުން މަނާކުރާ ހާލަތްތަކުގައި، ކޯޓުން ހުކުމް ކަނޑައަޅާނީ އެ ދެ ކުށުގެ ތެރެއިން، ނުވަތަ އެއް ކުށުގެ ދެ ދަރަޖައިގެ ތެރެއިން، އެންމެ ބުރަދަން ބޮޑު ކުށަށެވެ. ނުވަތަ އެންމެ މަތީ ދަރަޖައިގެ ކުށަށެވެ.

ޝަމީމް އިތުރަށް ވިދާޅުވީ އަދުހަމްގެ މަސްލަހަތުގައި އިއުތިރާފުން ރުޖޫއަވުން އޮންނާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. އެއީ އިއުތިރާފުން ރުޖޫއަ ވެއްޖެނަމަ 37 އަހަރުގެ ޖަލުހުކުމެއް ކުރިމަތީގައި އޮތުމުން ކަމަށެވެ. އަދުހަމްގެ މައްޗަށް ނުއުފުލުމަށް ނިންމާފައިވާ ދައުވާއަކީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ ކަމަށް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެވެ. އެގޮތަށް ނިންމެވީ 3 ދުވަހުގެ މަތިން އަދުހަމާ ވާހަކަ ދައްކާފައި ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. އަދި އަދުހަމް އިއުތިރާފް ވަނީ ޓެރަރިޒަމްގެ އަމަލު ހިންގުމުގެ ދައުވާއާއި އައިއެސް ޖަމާއަތަށް ތާއިދު ކުރުމުގެ ގޮތުން ކަންތައްތަކެއް ކުރިކަމަށް ކަމަށް ޝަމީމް ވިދާޅުވިއެވެ. 23 އަހަރުގެ އިއުތިރާފު ޖަލުހުކުމް އަންނަނީ މި ދެ ދައުވާއަށް ކަމަށް ޕީޖީ ވިދާޅުވިއެވެ.