ވީޑިއޯ ސްޓްރީމިންގްގެ ތާރީހު ދުށް އެންމެ ކާމިޔާބު އެއް ސީރީޒްގެ ޝަރަފު ހޯދާފައިވާ މަޝްހޫރު، ސްޕެނިޝް ޑްރާމާ ސީރީޒް "ލަ ކާސާ ދެ ޕަޕޭލް" ނުވަތަ މަނީ ހައިސްޓްގެ 5 ވަނަ ސީޒަން ރިލީޒް ކުރާ ތާރީހު ހާމަ ކޮށްފިއެވެ.

ދިވެހިންގެ މެދުގައި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސްޓްރީމިންގް ޕްލެޓްފޯމް ނެޓްލްފްލިކްސްގައި "މަނީ ހައިސްޓް"ގެ 5 ވަނަ ސީޒަން ރިލީޒް ކުރާނީ އަންނަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ކަމަށް، މުނިފޫހިފިލުވުމުގެ ދާއިރާގެ ހަބަރުތައް ބުނެއެވެ.

މަނީ ހައިސްޓްއަކީ ނެޓްފްލިކްސްގެ ރެކޯޑްތަކެއް މުގުރާލާފައި ސިލްސިލާ ޑްރާމާއެކެވެ. ތާރީހު ދުށް އެންމެ ވަރުގަދަ ވައްކަމުގެ ޖަރީމާ ހިންގުމަށް "ދަ ޕްރޮފެސާ"އާއި އޭނާގެ ރެކްރޫޓުން ކުރަމުންދާ އާދަޔާ ހިލާފު މަސައްކަތްތައް ފެނިގެންދާ ކްރައިމް-ޑްރާމާ ސީރީޒް "މަނީ ހައިސްޓް" ގެ 3 ވަނަ ސީޒަން ރިލީޒްކުރިތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 34 މިލިއަން މީހުން އެ ސީރީޒްގެ އެޕިސޯޑްތައް ބަލާފައިވެއެވެ.

މިއީ ނެޓްފްލިކްސްގެ ތާރީހުގައިވެސް މިހާ ގިނަ ބަޔަކު އެއް ކޮންޓެންޓެއް ބެލި ފުރަތަމަ ފަހަރެވެ.

10 އެޕިސޯޑްގެ މައްޗަށް އެކުލެވިގެންވާ 5 ވަނަ ސީޒަން، ރިލީޒް ކުރަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށް މައުލުމާތު ލިބެއެވެ. ފުރަތަމަ 5 އެޕިސޯޑް ސެޕްޓެމްބަރުގައި ރިލީޒް ކުރާއިރު، ދެ ވަނަ 5 ވަނަ އެޕިސޯޑްއިން 10 ވަނަ އެޕިސޯޑް ރިލީޒް ކުރަން ތާވަލު ކޮށްފައި ވަނީ ޑިސެމްބަރު 3، 2021 ވަނަ ދުވަހުއެވެ.

މަނީ ހައިސްޓްގެ 5 ވަނަ ސީޒަނަކީ، މި ސިލްސިލާގެ އެންމެ ފަހު ސީޒަންކަން، ނެޓްފްލިކްސްއިން ވަނީ ޖުލައި 31، 2020 ގައި އިއުލާން ކޮށްފައެވެ. 5 ވަނަ ސީޒަންގެ ޝޫޓިންގްގެ މަސައްކަތްތައް ނިންމާލާފައި ވަނީ މެއި 4، 2021 ވަނަ ދުވަހުއެވެ.

ނެޓްފްލިކްސްއިން ވަނީ މަނީ ހައިސްޓްގެ ކޮރެއަން އެޑަޕްޓޭޝަންއެއްގެ އިޝާރާތްވެސް ކޮށްފައެވެ.