އަފްގާނިސްތާނުގެ ހިލްމަންދު ޕްރޮވިންސްގެ ލަޝްކަރު ގާހް ސިޓީގެ ކޮންޓްރޯލް ނެގުމަށް، ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތަކުން ހަމަލާތައް ވަރުގަދަކޮށް، ސަލާމަތާ ބާރުތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިންގަމުން ދާ ކަމަށް ހަބަރު ލިބިއްޖެއެވެ.
ލަޝްކަރު ގާހް ސިޓީގެ ކޮންޓްރޯލް، ތޯލިބާނުން ނަގައިފި ނަމަ، އެ ސަރަހައްދު ވެގެންދާނީ، 2016 ވަނަ އަހަރަށް ފަހު، ތޯލިބާނުންގެ ބާރުގެ ދަށަށް ގެންދާ ފުރަތަމަ ޕްރޮވިންޝަލް ކެޕިޓަލް ނުވަތަ ޕްރޮވިންސްގެ ވެރިކަން ކުރާ ސިޓީއަށެވެ.
އެމެރިކާއާއި އަފްގާނިސްތާނުގެ ފައުޖުތަކުން ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދެމުން ދިޔަ ނަމަވެސް، ތޯލިބާނުންވެސް ދަނީ ހަމަލާ ގަދަ ކުރަމުން ކަމަށް މައުލުމާތު ލިބެއެވެ. އެގޮތުން މިހާރުވެސް ޓީވީ ސްޓޭޝަނެއްގެ ކޮންޓްރޯލް ނަގާފައި ވާ ކަމަށް ހަބަރު ލިބެއެވެ.
އަފްގާނިސްތާނުގެ އިންފޮމޭޝަން މިނިސްޓްރީން ބުނީ، ހިލްމަންދު ޕްރޮވިންސްގެ 11 ރޭޑިއޯ ސްޓޭޝަނަކާ 4 ޓީވީ ސްޓޭޝަނަކުން، ތޯލިބާނުންގެ އަމަލުތަކަކީ "ހަމަލާތަކެއް އަދި ނުރައްކަލެއް" ގެ ގޮތުގައި ސިފަކުރުން ހުއްޓާލާފައި ވާ ކަން ހާމަކޮށްފައެވެ.
އަފްގާނިސްތާނުން ވާހަކަ ދެއްކެވި ޑޮކްޓަރަކު ވިދާޅުވީ، ހުރިހާ ދިމާލެއްގައިވެސް ތަޅާފޮޅުންތައް ކުރިއަށް ދާ ކަމަށެވެ.
ހިލްމަންދު ޕްރޮވިންސްއަކީ އެމެރިކާއާއި އިނގިރޭސި އަސްކަރިއްޔާއިން ކެމްޕޭން ހިންގި މައި ސަރަހައްދަކަށް ވާއިރު، މި ސަރަހައްދުގެ ކޮންޓްރޯލް، ތޯލިބާނުން ނެގުން ވެގެން ދާނީ، އަފްގާނިސްތާނުގެ މައި ސަރުކާރަށް ލިބޭ ބޮޑު ދެރައަކަށް ކަމަށް ސިފަ ކުރެވެއެވެ.
އަފްގާނިސްތާނުގެ އަސްކަރީ ކޮމާންޑަރަކު ވަނީ، ލަޝްކަރު ގާހްގައި ތޯލިބާނުން ކާމިޔާބު ހޯދައިފިނަމަ، ބައިނަލްއަގުވާމީ ސަލާމަތަށް ނުރައްކާ ވާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ. މޭޖާ ޖެނެރަލް ސާމީ ސާދާތު ވިދާޅުވީ، މިހާރު ކުރަމުން ދަނީ އަފްގާނިސްތާނުގެ ހަނގުރާމައެއް ނޫން ކަމަށާ، މިހާރު ކުރިއަށް ދަނީ، މިނިވަން ކަމާ، ހުދުމުހުތާރު ކަމާ ދެމެދު ކުރާ ހަނގުރާމައެއް ކަމަށެވެ.
އަފްގާނިސްތާނުގައި ހަނގުރާމަ ގަދަ ވެފައި ވާ މި ދަނޑިވަޅަކީ ފާއިތުވީ 20 ވަރަކަށް އަހަރުދުވަހު އެ ގައުމުގައި ހަނގުރާމަ ކުރަމުން ދިޔަ ބައިނަލްއަގުވާމީ އަސްކަރީ ފައުޖުތައް އަފްގާނިސްތާނުން ފައިބަމުން ދާ ދަނޑިވަޅެކެވެ. އެމެރިކާއިން ވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފައުޖުތައް ބާލާ ނިންމާނެ ކަން ހާމަކޮށްފައެވެ. ނަމަވެސް، މި ނިންމުމަކީ އެމެރިކާއަށް ހެދޭ ބޮޑު ގޯހެއް ކަމަށް، އަފްގާނިސްތާނު ހަނގުރާމަ ފެއްޓެވި، އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ވަނީ އިންޒާރު ކުރައްވާފައެވެ.