ތުރުކީވިލާތުގެ ދެކުނު ސަރަހައްދުތަކުގައި ރޯވަމުންދާ ގަދަ އަލިފާންގަނޑުތައް، ފަތުރުވެރި މަންޒިލްތަކާ ހިސާބަށް ފޯރާ، މިހާތަނަށް 8 މީހެއްގެ ފުރަނަ ގެއްލިފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

އައްސޭރިފަށުގެ ރިސޯޓްތަކާ ހިސާބަށް އަލިފާންގަނޑު ފޯރާފައި ވާ އިރު، ފަތުރުވެރިން ދަނީ އެ ސަރަހައްދު ދޫކޮށް ދަމުންނެވެ.

ފާއިތުވީ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ތުރުކީވިލާތަށް ކުރިމަތިލާން ޖެހިފައި ނުވާ ފަދަ، ގަދަ އަލިފާންގަނޑުތައް ރޯވުމުގެ ހާދިސާ ހިނގަމުން ދާތާ މިހާރު 6 ދުވަސް ވަނީ ފާއިތުވެފައެވެ.

ތުރުކީވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ، އަލިފާންގަނޑުތައް ނިއްވުމަށް ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިހާތަނަށް 130 އަލިފާންގަނޑެއް ނިއްވާލެވިފައި ވާ ކަމަށެވެ.

ތުރުކީވިލާތުގެ އިތުރުން ގްރީސް، ސްޕެއިން އަދި އިޓަލީވިލާތުންވެސް ދަނީ ގަދަ އަލިފާންގަނޑު ނުވަތަ ވައިލްޑްފަޔާޒްއާ ކުރިމަތިލަމުންނެވެ. އިޓަލީވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ އާދީއްތަ ދުވަހު 1500 އެއްހާ ހުޅުގަނޑާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

ވިލާތުގެ އެކި ގައުމުތަކަށް ގަދަ އަލިފާންގަނޑުގެ ކާރިސާތަކާ ކުރިމަތިލާން ޖެހިފައި ވަނީ، އާދަޔާ ހިލާފަށް ހޫނު ގަދަވުމާއެކު، ވައި ބާރުވުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިފަދަ އަލިފާންގަނޑުތަކަށް މަގުފަހި ކުރާ އެންމެ ބޮޑު އެއް ސަބަބަކީ މޫސުމީ ނޭދެވޭ ބަދަލުތަކެވެ.

މިވަގުތު އެންމެ ގަދައަށް އަނދަމުންދާ ސަރަހައްދުތަކަށް ބަލާއިރު، އެންމެ ބޮޑު ތަކުލީފެއް އުފުލަމުން ދަނީ ތުރުކީވިލާތުންނެވެ. ސެޓެލައިޓް ފޮޓޯތަކަށް ބަލާއިރު، ގާޓްގަނޑަކަށް 100000 ހެކްޓަރުގެ ސަރަހައްދެއް، އަލިފާންގަނޑުގައި އަނދާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.