ހަމަނުޖެހުންތައް އިންތިހާއަށް އިތުރު ވެފައި ވާ އަފްގާނިސްތާނުގެ ހުޅަނގާއި ދެކުނުގެ މަގަނޑު 3 ސިޓީއެއްގައި، ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން ހަނގުރާމަ ވަރުގަދަ ކޮށްފިއެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގެންފައި ވާ އަފްގާނިސްތާނުގެ މައި ސަރުކާރުގެ އަތުން ކޮންޓްރޯލް އަތުލަން ތޯލިބާނުން ހަނގުރާމަ ގަދަ ކުރަމުން ދާއިރު، ހީރާތު، ލަޝްކަރު އަދި ގާހް އާއި ކަންދަހާރަށް، އެ ޖަމާއަތުގެ ހަނގުރާމަވެރިން ވަދެގެންފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

އަންނަ ސެޕްޓެމްބަރު މަސް ފަށާއިރު، ބައިނަލްއަގުވާމީ ހުރިހާ ފައުޖެއް އަފްގާނިސްތާނުން ފައިބާނެއިރު، ތޯލިބާނުން ވަނީ އަފްގާނިސްތާނުގެ ރަށްފުށު ސަރަހައްދުގައި އެ ޖަމާއަތުގެ ވަކި ހިއްޕާލާފައެވެ. ނަމަވެސް އެންމެ ފަހުން ހަނގުރާމަ ކުރި މި ސިޓީތަކަކީ އިންސާނީ ކާރިސާތަކަކާ ގުޅިފައިވާ ސަރަހައްދުތަކެއް ކަން ފާހަގަ ކުރަން ޖެހެއެވެ.

ގަބޫލު ކުރެވޭ ގޮތުގައި އަފްގާނިސްތާނުގެ 2 ބައިކުޅަ 1 ބައި ސަރަހައްދު މިހާރު ވަނީ ތޯލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި އަފްގާނިސްތާނާއި ޕާކިސްތާނު އަދި އަފްގާނިސްތާނާއި އީރާން ހިއްސާ ކުރާ ބޯޑަރުގެ ސަރަހައްދުތައްވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ކަންދަހާރަށް ބަލާއިރު މިހާރު އެ ސަރަހައްދު، އިންސާނީ ކާރިސާއެއްގެ އަނދަވަޅަށް ވެއްޓުމުގެ ތުންފަތް މަތީގައި އޮތް ކަމަށް ހަބަރު ލިބެއެވެ.

ވިލާތުގެ އިއްތިހާދު (އީޔޫ) އިން އަފްގާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ޓޮމަސް ނިކްލަސަން ވަނީ، ހަނގުރާމަ އަދިވެސް އިތުރަށް ގަދަވެގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ތޯލިބާނުންގެ ފިކުރު ހުރީ، އަފްގާނިސްތާނުގައި އެ ޖަމާއަތުގެ "އިސްލާމީ އިމާރާތެއް" ގާއިމު ކުރުމަށް ކަމަށްވެސް ނިކްލަސަން ވަނީ އިޝާރާތް ކުރައްވާފައެވެ.

ތޯލިބާނުންގެ ވެރިކަމަށް ނިމުން ގެނެސް، ބައިނަލްއަގުވާމީ މުޖުތަމައު ބަލައިގަންނަ ސަރުކާރެއް އަފްގާނިސްތާނުގައި ގާއިމު ކުރީ، އެމެރިކާއާއި ނޭޓޯގެ ގުޅިފައިވާ ބާރުތަކުން ތޯލިބާނުންނާ ހަނގުރާމަ ކޮށް، ނޮވެމްބަރު 2001 ގައެވެ.