ކޮވިޑް ގެ ހާލަތު ރަނގަޅު ކުރުމަށް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ރ. ދުވާފަރަށް އިތުރު ޑޮކްޓަރުންނާއި ނަރުހުން ފޮނުވައިފިއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނީ ދުވާފަރުގެ ކޮވިޑް ގެ ހާލަތު ރަނގަޅު ކުރުމަށްޓަކާ އިތުރު 2 ނަރަުހަކާއި އެމަޖެންސީ ފަރުވާ ދިނުމަށް ފެސިލިޓީގައި އިތުރަށް ކުރަން ހުރި ކަންކަން ކުރުމަށް މެޑިކަލް ސްޓާފުން ފޮނުވާފައިވާ ކަމަށެވެ.
އޭގެ އިތުރުން ހައިރިސްކް ކެޓަގަރީގެ މީހުން އެސެސްމެންޓް ހެދުމަށް ޑޮކްޓަރުން ވެސް އެހޮސްޕިޓަލުން އެރަށަށް ފޮނުވާފައިވާ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ.
ދުވާފަރަށް ޑޮކްޓަރުންނާ ނަރުހުން ފޮނުވާފައި ވަނީ ކޮވިޑަށް ޕޮޒިޓިވް ވި ހައިރިސްކް މީހަކަށް ފަރުވާ ދިނުމުގައި ދުވާފަރުން އިހުމާލު ވެފައި ވާކަމަށް ބުނެ ދުވާފަރު ހެލްތު ސެންޓަރު ކައިރީގައި އާންމުން އިހުތިޖާޖު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެމީހުން އިހުތިޖާޖު ކުރީ ދުވާފަރުގެ ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުން ދިއުމާއި އަޅާލުން ކުޑަވެ އިހުމާލު އޮތްކަމަށް ބުނަމުންނެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު މަރުވި ހައިރިސްކް މީހާ މަރުވީ ވެސް އަވަސް ފަރުވާ ދިނުމަށް ގެންދެވޭނެ ގޮތް ލަސްވެ، ސީއެމްބިއުލާސް އައުމުގައި ވެސް ލަސްތަކެއް ދިމާވެގެން ކަމަށް ބައެއް ފަރަތްތަކުން ވަނީ ބުނެފައެވެ.
އެރޭ 6:30 ހާއިރު ހާލު ބޮޑުވެގެން ގެންދިޔަ އެ މީހަކީ އުމުރުން 52 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވީ އެރޭ 7:30 ގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފައެވެ.
ދުވާފަރުގައި ކޮވިޑްގެ ހާލަތު ގޯސްވެފައި ވާ އިރު އެރަށުން 4 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.
ދުވާފަރު މޮނިޓަރިންއަށް ލާފައި ވަނީ މޭ 25 ވަނަ ދުވަހުއެވެ.
މިހާތަނަށް އެ މުއްދަތުގެ ތެރޭގައި އެ ރަށުން ޖުމްލަ 550 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް އެ ރަށުން ވަނީ 12 މީހަކު އަލަށް ޕޮޒިޓިވް ވެފައެވެ.
ރަށުގެ އެކްޓިވް ކޭސްތައް މިވަގުތު ހުރީ 136 ގައެވެ. ވޭތވެދިޔަ 24 ގަޑިއިރު ތެރޭގައި 67 ސާމްޕަލްއެއް ނަގާފައިވާއިރު 105 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.