މިދިޔަ ހަފުތާގައި އަލިއަޅުވައިލީ ރައްޔިތުންގެ ހުށައެޅުންތައް ސަރުކާރުގެ އޮފީސްތަކަށް ބަލައިގަތުމުގެ މައްޗަށެވެ. މިފަހަރު މިބަލައިލަނީ، ރައްޔިތުން ސަރުކާރުގެ އޮފީސްތަކަށް ހުށައަޅާ ހުށައެޅުންތަކަށް ޖަވާބުދިނުމުގެ މައްޗަށެވެ.

މިހާރަކަށް އައިސް، މިރާއްޖޭގައި ސަރުކާރުގެ އޮފީސްތަކަށާއި ދައުލަތުގެ އެކި މުއައްސަސާތަކަށް އާންމު ރައްޔިތުން އެކި ކަންކަން ހުށައަޅަން ޖެހޭ ކަމަށް މިފެންނަނީ، އެކި ތަނަށް އެކި ގޮތަށެވެ. މިވާހަކަ ވާނީ ކުރީ ހަފުތާގައި ދައްކާފައެވެ. މައްސަލައިގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް އެހިސާބުން އަދި ނިމެނީކީ ނޫނެވެ. ބައެއް ތަންތަނަށް ލާ ސިޓީއާއި، ފޯމާއި، އެފަދަ އެހެން އެއްޗިއްސަށް ޖަވާބުވެސް ނުލިބެނީއެވެ. ނުވަތަ ޖަވާބު ހޯދަން އުޅެން ޖެހޭ ގޮތްގޮތް ދަތި އުނދަގޫވެފައި، ބައެއް ފަހަރު ވަލުދޮރޯށިވެސް ވަނީއެވެ. ނޫނީ، ޖަވާބު ލިބޭ އިރު ހުށައެޅި މައްސަލައިގެ ސަބަބުން ވާނެ އެއްޗެއްވެ، މުއާލާތްވެސް ކެނޑެނީއެވެ.

މިބުނާ ގޮތަށް ތާކަށް ރަސްމީ ސިޓީއެއް ލާފައި، ޖަވާބު ނުލިބި އެތައް ދުވަހެއް ވެ، ފޯނު ކޮށްކޮށް ނުނެގީމައި، އެތާކަށް ދާއިރު ލިބޭ ޖަވާބަކީ، މިވެނި ފޯމެއް ލާށޭ، ސިޓީއަކަށް ޖަވާބެއް ނުދެމޭއެވެ. ނޫނީ، ފޯމު ފޮނުވީ އީމެއިލް އިންނޭ، ފޯމުގެ ސޮއިކުރި އަސްލު ގެނެސް ނުދެންޏާ، އިނގިލީގެ ނިޝާން ނެތިއްޔާ ނުބެލޭނެޔޭއެވެ. އީމެއިލްއަށް ޖަވާބެއް ނުދެމޭއެވެ. އެކަމަކު މިހެން ހުންނަ ހާއްސަ އުސޫލުތަކަކީ އެންމެނަށް ފަސޭހައިން ފެންނަން ހުންނަ އުސޫލުތަކެއްވެސް ނޫނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓް ބައްދަލުވުމެއް ---

މީގެ ވިއްސަކަށް އަހަރު ކުރީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސަރުކާރުގެ އޮފީސްތަކަށް ރަސްމީ ދެންނެވުމެއް ފޮނުވުނެވެ. އަމިއްލަ ފަރާތްތަކުން ސަރުކާރުގެ އޮފީސްތަކަށް އެކި ކަންކަމު ފޮނުވާ އީމެއިލްތަކަށް އީމެއިލް އިން ޖަވާބު ދެއްވުމަށެވެ. އަދި ސަރުކާރުގެ އޮފީހަކަށް އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީތަކަށް ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި ޖަވާބުދޭން އޭރުގެ ރައީސް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ބާރު ވެސް އެޅުއްވި އެވެ. އެޒަމާނުގައި ގެންގުޅުނު އެކަހަލަ އުސޫލުތައް އުވާލެވުނު ކަމެއް އާންމުކޮށް އިއުލާނެއް ނުކުރެވެއެވެ. އެހެންނަމަވެސް، މިހާރު ބައެއް ތަންތާނގައި އެ އުސޫލުތަކެއް ނުހިނގައެވެ.

ދެން އޮތީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި މީގެ އެތަކެއް އަހަރު ކުރީން ގާއިމު ކުރެވުނު ”ޖެމްސް“ ވިޔުގައިގެ ވާހަކައެވެ. އޮފީސްތަކުގެ މެދުގައި ޕިޔޯނުން ދުއްވައިގެން، ނޫނީ ފެކްސް އިން ލިޔެކިޔުން ބަދަލުކުރުމުގެ ބަދަލުގައި އިލެކްޓްރޯނިކް ވިޔުގަޔަކުން އެކަން ކުރުމަށް ހުޅުވުނު ދޮރެކެވެ. އެ ވިޔުގަ މިހާރުވެސް ބޭނުން ކުރެވެއެވެ. ނަމަވެސް އާންމު ރައްޔިތުންނަށް ގިނަފަހަރަށް ޖެހެނީ އެއްތާކުން ފޯމެއް ނަގައިގެން، އަނެއްތާކުން ތައްގަނޑު ޖައްސައިގެން، އަނެއް ތާކަށް ފައިސާ ދައްކާފައި ރަސީދު ހޯދައިގެން، މިލިޔުމުގެ ދެވަނަ ޕެރެގުރާފުގައި އެއޮތް ގޮތަށް އުޅޭށެވެ.

މީރާގެ ހިދުމަތް ދޭ މަރުކަޒު

އަހަރުމެން ދިވެހީންނަކީ ތަރައްގީވެފައިވާ ގައުމުތަކުގައި ކަން ހިނގާގޮތަށް ކަންކުރަން ބޭނުންވާ ބައެކެވެ. އެހެން ވީއިރު، ސަރުކާރާއި ދައުލަތުގެ އެކި މުއައްސަސާތަކަށް ކަންކަން ހުށައަޅައި، ހިދުމަތް ހޯދައި ހަދަން ބޭނުންވާ ރައްޔިތުންނަށް އެކަހަލަ ގައުމުތަކުގައި ކަންކަން ހަމަޖެހިފައި ހުންނަ ގޮތަށް މިރާއްޖޭގައި މިމައްސަލަ ހައްލުނުކުރެވޭންވީ ސަބަބެއް ނެތެވެ. މިސާލަކަށް، އޮސްޓްރޭލިޔާ ނަގަމާހެވެ!

އޮސްޓްރޭލިޔާގެ ރައްޔިތުން ސަރުކާރުގެ އެކި ގޮފިން ދޭ އެކި ހިދުމަތަށް އެދޭށާއި، އެކި ކަންކަމުގައި ތިމާގެ ދައުރު އޮތްނެތް ގޮތް ވަގުތުން ވަގުތައް ބަލައިލައި، ކަންކަމުގެ ޖަވާބު ހޯދައި، މިފަދަ ކަންކަން ކޮށްލަން ހާދަ ފަސޭހައެވެ. ގައުމުގައި ތިބެގެންނާއި ގައުމުން ބޭރުގައި ތިބެގެންވެހެވެ. މިކަމަށް އެ ގައުމުގެ ސަރުކާރުން ހަދައިފައި އޮންނަނީ ލޮލަށް ފަސޭހަ، މަންޒަރާއި ވީޑއޯއާ ނުލައި ހަދައިފައި އޮންނަ ވެބްސައިޓެކެވެ. ސައިޓަށް ވަދެ، އެ މީހަކު އެމީހެއްގެ ”ޔޫސާ ނޭމް“، ނުވަތަ އީމެއިލް އެޑްރެސް ޖަހައިފައި ”ޕާސްވޯޑް“ ޖެހީމައި ސައިޓަށް ވަދެވޭނެއެވެ. އެމީހެއްގެ ހާއްސަ "ޑިޖިޓަލް އައިޑެންޓިޓީ“ ޖެހީމާވެސް ވަދެވޭނެއެވެ. އެހިސާބުން، އެމީހެއްގެ ސިއްހީ ކަންކަން ހުރިނެތްގޮތާއި، ވަޒީފާއަށް އެދުމާއި، ޓެކްސް ދެއްކުމާއި، ބޯހިޔާވަހިކަމުގެ ކަންކަމާއި، މިހެންގޮސް އެތައް އެތައް ކަމެއްގެ އެތައް ދޮރެއް އެހެރީ ހުޅުވިފައެވެ. މައުލޫމާތު ހޯދުމާއި، ކަންކަމަށް އެދުމަށާއި، ޖަވާބުވެސް ލިބުމަށެވެ. އެއްތާކުންނެވެ!

ބީއެމްއެލް އޭޓީއެމް ހިދުމަތް ބަޔަކު ހޯދަނީ ---

ކަންކަން މިގޮތަށް ފަހިކޮށްލުމަކީ ދިވެހިރާއްޖޭގައި މިހާރުވެސް ވަރަށް ފަސޭހައިން ކުރެވިދާނޭ ކަމެކެވެ. އާބާދީގެ ނިސްބަތުން ރާއްޖެއަކީ އޮސްޓްރޭލިއާއާ އަޅައިބަލާއިރު މާ ކުޑަ ތަނެކެވެ. މުޅި ރާއްޖެ މިހާރުވެސް މިއޮތީ ފައިބަރު ނެޓްވޯކް ތަކުން ގުޅާލެވިފައެވެ. މިކަހަލަ ސައިޓެއް ހަދާލުމުގެ ފެންވަރު ހުރި ތައުލީމީ އެތައް ބައެއް ދިވެހީންގެ ތެރޭގައި އެބަތިއްބެވެ. ޑީއެންއާރު ގައި އެންމެހައި ރައްޔިތުންގެ މައުލޫމާތު ޑިޖިޓަލްކޮށް އެބަހުއްޓެވެ. ރާއްޖޭގައި ހިންގާ ބައެއް ބޭންކުތަކާއި މުވާސަލާތީ ކުންފުނިތައް ފަދަ ތަންތަނުން މިހާރުވެސް މިއާ ގާތްކުރާ ގޮތަކަށް އޮންލައިން ހިދުމަތްތައް ތައާރަފުކޮށް ތަރައްގީ ކުރަމުންވެސް އެބަ ގެންދެއެވެ. ސަރުކާރުގެ މަދު ތާކުން ނަމަވެސް މިކަން ވޭތޯ އެބަ ބަލައެވެ. ބޭނުންވަނީ ”ވަކިސަރުކާރު“ގެ ގޮތް ކަނޑުވާލައި، އާންމު ރައްޔިތުންނަށް އެއްތާކުން ކަންކަން ކުރެވޭނޭ ނިޒާމެކެވެ. ކަންކަން ހުށައަޅައި، ހިދުމަތް ހޯދައި، ޖަވާބު ލިބުމުގެ ފަސޭހަ މަގެވެ!