އދ. ކުނބުރުދޫ، ފެހިގެ އުމުރުން 26 އަހަރުގެ އަހްމަދު ނައުފަލް ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާތާ 3 ދުވަސް ވެއްޖެ ކަމަށެވެ.

ފުލުހުން ބުނީ ނައުފަލްގެ ހަބަރެއް އެންމެ ފަހުން ވީއިރު އޭނާ އުޅެމުން އައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ނައުފަލް މަސައްކަތް ކުރަނީ ކަންނެލި ދޯންޏެއްގައެެވެ. އަދި އެދުވަހު އޭނާ ހުޅުމާލެއަށް ފޭބީ ޓްރީޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ފުލުހުން ބުނީ ނައުފަލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ލަސްނުކޮށް އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާ ކޮށްދިނުމަށެވެ.