ކުރިއަށް އޮތް އދގެ ސަލާމަތީ މަޖިލީހުގެ ދައުރުގެ ރިޔާސަތަށް އަވަށްޓެރި އިންޑިއާއިން ކުރިމަތިލަނީ، މައިގަނޑު 3 ނުކުތާއަކަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދެމުން ކަމަށް، އދގައި އިންޑިއާ ތަމްސީލު ކުރައްވާ ދާއިމީ މަންދޫބު، ޓީއެސް ތިރުމުރުތީ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނިއުޔޯކްގައި ހުންނަވައިގެން އިންޑިއާގެ ދުވަހު ނޫހަކަށް ދެއްވި ބަސްދީގަތުމުގައި ތިރުމުރުތީ ވިދާޅުވީ، ސަލާމަތީ މަޖިލީހުގެ ރިޔާސަތުގައި އިންޑިއާއިން އެންމެ ހާއްސަ އަހައްމިއްޔަތު ކަމެއް ދޭނެ 3 ކަމަކީ، މެރިޓައިމް ސެކިއުރިޓީ، ސުލްހަ ބެލެހެއްޓުން އަދި ކައުންޓާ ޓެރަރިޒަމް ކަމަށެވެ.

މި 3 ނުކުތާއަށްވެސް އިންޑިއާއިން މަސައްކަތް ކުރާނީ ވަކިވަކި އިވެންޓްތަކެއްގެ ތެރެއިން ކަމަށް ތިރުމުރުތީ ވިދާޅުވިއެވެ.

އަފްގާނިސްތާނާއި ޕާކިސްތާނު ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި ތޯލިބާން ހަނގުރާމަވެރިއަކު ހަރަކާތްތެރިވަނީ / ފޮޓޯ: ރޮއިޓާޒް

ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރުގެ ޗާޓުގައި އިންތިހާއަށް މުހިންމު އިންޑިއާ ކަނޑުގެ ސަރަހައްދަށް އިސްތިރާޖީ ގޮތުން ބޮޑު ނުފޫޒެއް ފޯރުވަމުން އަންނަ އިންޑިއާގެ ޒައާމަތުގައި، އދގެ ސަލާމަތީ މަޖިލީހުގައި އެންމެ ހާއްސަ ސަމާލުކަމެއް ދޭނެ އެއް ކަމަކީ މެރިޓައިމް ސެކިއުރިޓީ ކަމަށް އެ ގައުމުން ބުނާއިރު، މި ކަމަކީ، އިންޑިއާގެ ހަރިޖީ ސިޔާސަތުގައިވެސް ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ ކަމެއް ކަން ތިރުމުރުތީ ވަނީ ފާހަގަ ކުރައްވާފައެވެ.

މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން، ވަކިން ހާއްސަކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އިންޑިއާއަކީ އެންމެ މުހިންމު މަސައްކަތްތަކެއް ކޮށްދީފައި ވާ ގައުމުކަމުގައި ސިފަކުރައްވަމުން ތިރުމުރުތީ ވިދާޅުވީ، މެރިޓައިމް ސެކިއުރިޓީގެ ކަންކަމުގައި، އދގެ ސަލާމަތީ މަޖިލީހުން ވަށާޖެހޭ އުސޫލަކުން ކަންކަން ކުރަންވީ ވަގުތަކީ މިއީ ކަމަށް އިންޑިއާއިން ގަބޫލު ކުރާ ކަމަށެވެ.

އިންޑިއާގެ ކަނޑުގެ އަސްކަރީ މަނަވަރު އަރުމާދެއް / ފޮޓޯ: ޑީއެންއޭ އިންޑިއާ

މެރިޓައިމް ސެކިއުރިޓީއާ ގުޅިގެން އދގެ ސަލާމަތީ މަޖިލީހުން ގިނަ ގަރާރުތަކެއް ފާށްކޮށްފައި ވީ ނަމަވެސް، މިއީ ހުރިހާ ގަރާރެއް އެއް ފުރާޅެއްގެ ދަށަށް ގެނެސް، ވަށާ ޖެހޭ އުސޫލަކުން އެކަމާ މަޝްވަރާ ކުރަން ވީ ވަގުތު ކަމަށް ތިރުމުރުތީ ވިދާޅުވިއެވެ.

ސުލްހަ ބަލެހެއްޓުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ތިރުމުރުތީ ވަނީ، އދގެ ސެކްރެޓަރީ ޖެނެރަލްގެ ގޮވާލެއްވުމަކަށް، އދގެ ސުލްހަބަލަހައްޓާ މިޝަންގެ ހުރިހާ މެންބަރުންނަށް އިންޑިއާއިން ކޮވިޑް ވެކްސިން ފޯރުކޮށްދީފައި ވާނެ ކަމަށެވެ. އަދި ޓެކްނޮލިޖީގެ އެހީގައި ސުލްހަ ބެލެހެއްޓުން ހަރުދަނާކޮށް، ކުށްވެރިން އިންސާފުކުރިމައްޗަށް ހާޒިރު ކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށްވެސް އިންޑިއާގެ މަންދޫބު ވިދާޅުވިއެވެ.

ޓެރަރިޒަމާ ގުޅިގެން ތިރުމުރުތީ ވިދާޅުވީ، އެ ކަމަކީ އިންޑިއާއިން ގައުމީ ފެންވަރުގައިވެސް ހާއްސަ ނަޒަރަކުން ބަލާ ކަމެއް ކަމަށާ، ޓެރަރިޒަމްގެ ހުރިހާ އަމަލަކާ އިންޑިއާއިން ދެކޮޅު ކަމަށެވެ. އަދި ޓެރަރިޒަމްގެ އަމަލަކަށް ދައްކާނެ އެއްވެސް ހުއްޖަތެއް އޮންނާނެ ކަމަށް އިންޑިއާއިން ގަބޫލު ނުކުރާ ކަމަށްވެސް އިންޑިއާގެ ދާއިމީ މަންދޫބު ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ 7 މަހެއްހާ ދުވަސް ކުރިން އދގެ ސަލާމަތީ މަޖިލީހުން 2 އަހަރު ދުވަހުގެ ޖާގައެއް ކަށަވަރު ކުރި އިންޑިއާއިން، އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ ކުރިއަށް އޮތް އޯގަސްތް މަހުއެވެ. އެ މަހު، މަޖިލީހުން މަޝްވަރާ ކުރާނެ ކަންކަމުގެ އެޖެންޑާ އެކުލަވާލާނީވެސް އިންޑިއާއިންނެވެ.