ކޮވިޑަށް ޕޮޒިޓިވް ވި ހައިރިސްކް މީހަކަށް ފަރުވާ ދިނުމުގައި ދުވާފަރުން އިހުމާލު ވެފައި ވާކަމަށް ބުނެ ދުވާފަރު ހެލްތު ސެންޓަރު ކައިރީގައި އާންމުން ކުރި އިހުތިޖާޖު ފުލުހުން ރޫޅާލައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައި ވާ ގޮތުން އިހުތިޖާޖު ރޫޅަލުމަށް ފަހު ފުލުހުން ވަނީ އިހުތިޖާޖުގެ ބައެއް ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އާންމުން ނުކުމެ އިހުތިޖާޖު ކޮށް ހަމަނުޖެހުމަކަށް ބަދަލު ނުވަނީސް ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ރ. އުނގޫފާރުންވެސް ފުލުހުން ދުވާފަރަށް ދިޔައެވެ.

ދާދި ދެންމެ ފުލުހުން ހާލަތު ކޮންޓްރޯލް ކުރި އިރު ގިނަ އަދަދެއްގެ ޒުވާނުން ރ. ދުވާފަރު ހެލްތު ސެންޓަރު ކައިރިއަށް އެއްވެ އިހުތިޖާޖު ކުރިއެވެ. އެމީހުން އިހުތިޖާޖު ކުރީ ދުވާފަރުގެ ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުން ދިއުމާއި އަޅާލުން ކުޑަވެ އިހުމާލު އޮތްކަމަށް ބުނަމުންނެވެ. އަދި މިރޭ މަރުވި ހައިރިސްކް މީހާ މަރުވީވެސް އަވަސް ފަރުވާ ދިނުމަށް ގެންދެވޭނެ ގޮތް ލަސްވެ، ސީއެމްބިއުލާސް އައުމުގައި ވެސް ލަސްތަކެއް ދިމާވެގެން ކަމަށް ބައެއް ފަރަތްތަކުން ވަނީ ބުނެފައެވެ.

މިރޭ 6:30 ހާއިރު ހާލު ބޮޑުވެގެން ގެންދިޔަ އެ މީހަކީ އުމުރުން 52 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވީ މިރޭ 7:30 ގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފައެވެ.

ދުވާފަރުގައި ކޮވިޑްގެ ހާލަތު ގޯސްވެފައި ވާ އިރު އެރަށުން 4 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.