ޗައިނާގެ ސަރުކާރުން ހިންގާ ޕްރައިމަރީ އަދި މިޑްލް ސްކޫލްތަކުގައި މަސައްކަތް ކުރާ ޓީޗަރުން، ސްކޫލް ގަޑި ނިމުމުން، މާލީ ފައިދާ ލިބޭ ގޮތުން ޓިއުޝަން ދިނުމުގެ މަސައްކަތް ކުރުން، އެ ގައުމުގެ ސަރުކާރުން މަނާ ކޮށްފިއެވެ.

ސްކޫލްތަކުގައި ކިޔަވާދޭ މަޖުބޫރު މާއްދާތަކުން އިތުރު ގަޑީގައި ޓިއުޝަން ދީގެން މާލީ ފައިދާ ހޯދުން މަނާ ކޮށްފައި ވަނީ، އާއިލާތަކުން ކުރަން ޖެހޭ ހަރަދު ކުޑަކޮށް، އިތުރު ދަރިން ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ.

ހުސްވި ހަފުތާގައި ގެނައި މި ބަދަލު ބުނާ ގޮތުގައި، އިތުރު ގަޑީގައި ޓިއުޝަން ދިނުމުގެ ދާއިރާގައި ބޭރުގެ ފަރާތްތަކުން އިންވެސްޓް ކުރުންވެސް މަނަލެވެ.

ޗައިނާގެ ތައުލީމާ ބެހޭ ވުޒާރާއިން ބުނީ، ރިޝްވަތު ހފާ ޓީޗަރުންގެ މައްސަލައާވެސް ކުރިމަތިލާނެ ކަމަށާ، ކުލާސް ގަޑީގައި ކިޔަވާ ދިނުމުގެ ބަދަލުގައި، އިތުރު ގަޑިތަކުގައި ކިޔަވާ ދޭ ޓީޗަރުންނާ މެދު، އެ ވުޒާރައިން ގެންގުޅޭނީ ޒީރޯ ޓޮލަރަންސް ޕޮލިސީ ކަމަށެވެ.

ޗައިނާގައި ހިންގާ ޕްރައިވެޓް ޓިއުޓަރިންގް ނުވަތަ ރަސްމީ ގަޑިން ބޭރުން ޓިއުޝަން ދިނުމުގެ މަސައްކަތަކީ 120 ބިލިއަން ޑޮލަރުގެ އަގުހުރި ވިޔަފާރިއެކެވެ. މި ވިޔަފާރިއަށް މިހާ ބޮޑު ބަދަލެއް ގެނެސްފައި ވަނީ، ކަންބޮޑުވާން ޖެހޭ ދަރަޖައަށް، ޗައިނާގެ އާބާދީ ދަށްވަމުން ދާތީއެވެ. ޗައިނާގައި އަލަށް އުފަން ވާ ކުދިންގެ އަދަދު ދަށަށް ދަނީ، އާއިލާތަކުން ކުރަން ޖެހޭ ހަރަދުތައް އިތުރުވާތީ ކަމަށް މައުލޫމާތު ލިބެއެވެ.