ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބަލްގޭރިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި އެ ގައުމުގެ ޓޫރިޒަމް މިނިސްޓަރު ޑރ. ސްޓެއްލާ ބަލްޓޮވާއާ އަދި ފޮރިން މިނިސްޓަރު ސްވެޓްލަން ރިސްޓޮވް ސްޓޯއެވްއާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.
ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. ސްޓެއްލާއާ އެކު ބޭއްވި ބައްދަލުވުމުގައި ބަލްގޭރިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރަން ޕްރޮމޯޝަންތައް އިތުރުކުރުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ބަލްގޭރިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ބަލްގޭރިއާގެ ފޮރިން މިނިސްޓަރު ސްވެޓްލަންއާ ބައްދަލު ކުރައްވާ ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އޭގެ އިތުރުން ބަލްގޭރިއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޒަރިޓްސާ ޑިންކޮވާ އާ ބައްދަލުކުރައްވާ ރާއްޖެއާ ބަލްގޭރިއާ ދެ ގައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި ގުޅުން ވަރުގަދަވާނެކަމުގެ ޔަގީންކަން މިނިސްޓަރު ޝާހިދު ވަނީ ދެއްވައިފައެވެ.
އދ.ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ޝާހިދު މިދިޔަ ހަފްތާގެ ތެރޭގައި އިންޑިއާ އަށް ވެސް ވަޑައިގަތެވެ. އެ ދަތުރުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވިއެވެ. އަދި އެ ދަތުރުގެ ތެރެއިން ވަނީ ރާއްޖެ އަށް އިންޑިއާ އިން ދޭ ހިލޭ އެހީ އިތުރު ކުރުމުގެ އެއްބަސްވުން ވެސް އާ ކޮށްފައެވެ.