ރާއްޖެ އިން ބޭރުން އަންނަ މީހުން 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮންނަން ޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުސޫލު ބަދަލު ގެނެސްފިއެވެ.

ދިވެހި ސަރުކާރުން މި ގެނައި ބަދަލާއެކު، މިއަދުން ފެށިގެން ރާއްޖެ އެތެރެވުމުގެ ހަތަރު ދުވަސް ކުރިން ދިވެހިން ވެސް ހިމެނޭ ގޮތަށް އެންމެން ކޮވިޑް ޓެސްޓު ހަދަން ޖެހޭނެއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުން ރާއްޖެ އަށް އައުމަށް ކޮވިޑް ޓެސްޓު ހަދަން ކުރިން ކަނޑައަޅާފައި އޮތީ ވެސް 72 ގަޑި އިރެވެ. އެކަމަކު، އެޗްޕީއޭގެ އެންމެ ފަހުގެ ނިންމުމާއެކު އެ ސަރަހައްދުގެ ގައުމުތަކުން ރާއްޖެ އަންނަ އެންމެން ވެސް ރާއްޖެ އައުމުގެ 96 ގަޑިއިރު ނުވަތަ ހަތަރު ދުވަސް ކުރިން ކޮވިޑް ޓެސްޓް ހަދަން ޖެހޭނެއެވެ.

އަދި ރާއްޖެ އެތެރެވެވޭނީ އެ މުއްދަތުގެ ކުރިން ހަދާފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކުއެވެ.

ގާތްގަަނޑަކަށް ދެ މަހަށް ފަހު ދެކުނު އޭޝިއާ އިން ރާއްޖެއަށް ޓޫރިސްޓުން އާދެވޭ ގޮތަށް އަލުން ހުޅުވައިލީ މިމަހުގެ 15 އިން ފެށިގެންނެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަނުން ބުނީ 96 ގަޑިއިރުގެ ނެގެޓިވް ޕީސީއާރު ޓެސްޓަކީ ކުރިން 72 ގަޑިއިރުގެ ޕީސީއާރު ޓެސްޓް އުސޫލު އުވާލުމަށް ފަހު އަލުން ރުޖޫއަ ކުރި އުސޫލެކެވެ. އަދި އެ އުސޫލުން އިސްތިސްނާ ވާނީ ހަމައެކަނި އެއް އަހަރު ނުވާ ކުޑަކުދިންކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ކޮވިޑްގެ ހާލަތު ރަނގަޅުވުމާ އެކު ސަރުކާރުން ވަނީ ކުރިން އަޅާފައި ހުރި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފަ އެވެ. އެގޮތުން ވެކްސިން ފުރިހަމަކޮށްފައި ތިބިި ދިވެހިން ނުވަތަ ވޯކް ވިސާގައި އަންނަ މީހުން ރާއްޖެ އަނބުރާ އައިސް ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ. މީގެ އިތުރުން ކޮވިޑް ޖެހި ރަނގަޅުވިތާ 60 ދުވަސް އަދި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ވެސް ރާއްޖޭގެ ރަށްރަށަށް ގޮސް ކަރަންޓީނު ނުވެ މިހާރު އުޅެވޭނެއެވެ.