އިންޓަނޭޝަނަލް ސޮވްރިން ބޮންޑްގެ ގޮތުގައި ސްރީލަންކާއިން ދަރާފައި ވާ ދަރަނީގެ ތެރެއިން، 1 ބިލިއަން ޑޮލަރުގެ ދަރަނި ބޮންޑު ދައްކާ ހަލާސް ކޮށްފައި ވާ ކަމަށް، ސްރީލަންކާގެ ވަޒީރުންގެ މަޖިލީހުގެ ތަރުޖަމާނެއް ކަމަށް ވާ ކެހޭލިއާ ރަމްބުކްވެއްލާ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ މީޑިއާ މިނިސްޓަރުގެ މަގާމުވެސް އަދާ ކުރައްވަމުން ގެންދަވާ ރަމްބުކްވެއްލާ މިކަން ހާމަ ކުރެއްވީ، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައެވެ.

ސްރީލަންކާއިން ދަރަނި ބޮންޑު ދައްކާ، ހަލާސް ކުރަން ޖެހޭ ތަރީހަކީ ޖުލައި 27 ވަނަ ދުވަސް ކަމަށާ، ނަމަވެސް ޖުލައި 26 ވަނަ ދުވަހު ދަރަނި ހަލާސް ކޮށްފައި ވާ ކަމަށް، އެ ގައުމުގެ ސްޓޭޓް މިނިސްޓަރު، އަޖީތު ނިވާދު ކަބްރާލް ވަނީ، ބްލޫމްބާގަށް ކަށަވަރު ކޮށްދެއްވާފައެވެ.

ސްރީލަންކާއިން 1 ބިލިއަން ޑޮލަރުގެ ދަރަނި އަދާކޮށް ހަލާސް ކޮށްފައި ވަނީ، ދަރަނި ބޮންޑްގެ މައްސަލާގައި އެ ގައުމާ މެދު އިންވެސްޓަރުންގެ ހިތުގައި ބިރުވެރިކަމާ ނުތަނަވަސްކަން އުފެދިފައި ވާ ދަނޑިވަޅެއްގައެވެ.

ސްރީލަންކާއިން ދައްކާ ހަލާސް ކުރި ދަރަނި ބޮންޑާ ބެހޭ އިތުރު ތަފްސީލުތަކެއް، އެ ގައުމުން އަދި ހާމަކޮށްފައެއް ނުވެއެވެ.