2023 ގައި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ އިންސާފުވެރި އިސްތިއުނާފަކުން މައުސޫމްކަން ސާބިތުވެގެން ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން އެމަނިކުފާނުގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް ރައްދު ދެއްވައިފިއެވެ.

ޣައްސާން މިފަދައިން ވިދާޅުވެފައި ވަނީ ރައީސް މައުމޫން މިއަދު ރާއްޖެ ޓީވީގެ ”ފަށާއިރު“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިނު ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ރިޔާސީ އިންތިހާބެއްގައި ވާދަކުރެވިގެން ނުވާނެކަމަށް ވިދާޅުވުމާ ގުޅުގެންނެވެ.

ޕީޕީއެމްގެ ގަދަ މަސައްކަތުން، ރައްޔިތުންގެ ލޯތްބާއެކު، ކީރިތިﷲ ގެ އިރާދަފުޅުން 2023 ގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ އިންސާފުވެރި އިސްތިއުނާފަކުން މައުސޫމްކަން ސާބިތުވެގެން
ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން

ރައީސް މައުމޫން މިއަދު ވިދާޅުވީ ރައީސް ޔާމީނަކީ ކުށެއް ސާބިތުވެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅެއް ކަމަށާއި އެފަދަ ބޭފުޅަކަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދެއްވުމަށް ރައީސް ޔާމީން މިނިވަން ކުރެވިގެން ނުވާނެ ކަމަށެވެ.

ރައީސް ޔާމީން ގެންދަވަނީ މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެެއް ތަންފީޒު ކުރައްވަމުންނެވެ. ކޮވިޑްގެ ހާލަތު ގޯސްވުމާ ހަމައަށް އެމަނިކުފާނު ގެންދެވީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންނެވެ. މިވަގުތު ރައީސް ޔާމީން ހުކުމް ތަންފީޒު ކުރައްވަނީ ގެކޮޅުގައި ހުންނަވައިގެންނެވެ.

އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމާމެދު އިދިކޮޅުން އެތައް ސުވާލެއް އުފައްދާ އިރު 2023 ގެ ރިޔާސީ އިންތިހާބުގައި ރަައީސް ޔާމީން ވާދަކުރައްވާނެ ކަމަށް އިދިކޮޅުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.