ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭ އެހީ އިތުރުކޮށް އެކަމާ ގުޅޭ އެއްބަސްވުން އާ ކޮށްފިއެވެ.

ރާއްޖޭގައި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ހިންގުމާ ގުޅޭ އެމްއޯޔޫގައި އިންޑިއާއާ އެކު މިއަދު ސޮއިކޮށްފައިވާ އިރު މި މަޝްރޫއުގެ ދަށުން ރާއްޖޭގައި އިޖްތިމާއީ މަޝްރޫއުތައް ހިންގުމަށް އިންޑިއާއިން 70 މިލިއަން ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އިންޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖެއިޝަންކަރްއެވެ. އަދި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.

އެ އެމްއޯޔޫގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި އަދި ސިޓީ ކައުންސިލްތަކުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ގާތްގަނޑަކަށް 10 ހައި އިމްޕެކްޓް މަޝްރޫއުއަށް އިތުރު 70 މިލިއަން ރުފިޔާ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް މަގުފަހި ކުރުވާ މި މަޝްރޫއުތަކުގެ ތެރޭގައި ތައުލީމީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްގީ އާއި ސިއްހަތާއި ކޮމިއުނިޓީ ޑިވެލޮޕްމަންޓާއި ތިމާވެއްޓާއި ސަގާފީ ތަރިކަ ހިމާޔަތް ކުރުމާއި، އަންހެނުން ބާރުވެރި ކުރުވުމާއި، ކުޑަކުދިންގެ ވެލްފެއާ އާ ގުޅުން ހުރި ކަންކަން ހިމެނެއެވެ.

މާޗު 2019 ގައި އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް ދިވެހިރާއްޖެއަށް ކުރެއްވެވި ދަތުރުގެ ތެރޭގައި ހަމަ މިފަދަ އެމްއޯޔޫއެއްގައި ސޮއި ކުރިއެވެ. އެ އެމްއޯޔޫ މެދުވެރިކޮށް ފޯރުކޮށްދިން 85 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން 12 ހައި އިމްޕެކްޓް މަޝްރޫއުގެ މަސައްކަތް އެކި ރަށްރަށުގެ ރަށު ކައުންސިލްތަކުން މިހާރުވެސް ހިންގަމުން ދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އަދި ހަމަ އެ ދަތުރުގެ ތެރޭގައި އިންޑިއާއިން ފޯރުކޮށްދީފައިވާ 106 މިލިއަން ރުފިޔާގެ ކޭޝް ގްރާންޓްގެ ދަށުން ކުރިއަށް ގެންދާ 18 މަޝްރޫއެއްގެ މަސައްކަތް ކުރަމުން ދާ ކަމަށްވެސް ބުނެއެވެ. އެގޮތުން މުޅިއަކު 30 ގްރާންޓް މަޝްރޫއުގެ ތެރެއިން 12 މަޝްރޫއު ނިމި، އިފްތިތާހު ކޮށްފައި ވާއިރު، ބާކީ ހުރިހާ މަޝްރޫއުއެއްގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ލަފާ ކުރެއެވެ.

އިންޑިއާގެ ގްރާންޓް އެހީގެ ދަށުން ހިންގާ ހައި އިމްޕެކްޓް މަޝްރޫއުތަކަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް ދިވެހި ސަރުކާރުން އިޖުތިމާއީ ބައެއް ދާއިރާތަކުން ހޮވާފައިވާ މަޝްރޫއުތަކެވެ. މި ގްރާންޓް އެހީގެ ދަށުން ފަށާފައިވާ މަޝްރޫއުތަކުގެ ތެރޭގައި މަސް ޕްރޮސެސިން ޕްލާންޓް ގާއިމު ކުރުމާއި އީކޯ ޓޫރިޒަމް ޒޯން ގާއިމު ކުރުމާއި ޑްރަގް ޑީޓޮކްސް ސެންޓަރު ގާއިމު ކުރުމާއި ފެން ބަންދުކުރާ ޕްލާންޓް ގާއިމު ކުރުމާއި ސޮއިލް ޓެސްޓިން ލެބް ގާއިމު ކުރުން ފަދަ ކަންކަން ހިމެނެއެވެ.

މީގެ އިތުރުން ގްރާންޓް އެހީގެ ދަށުން ކުޅިވަރާއި ގުޅޭ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި ސިޓީ ކައުންސިލްތަކަށް ބޭނުންވާ އުޅަނދުފަހަރާއި މެޝިނަރީ ހޯދުމާއި މުއައްސަސާތަކުގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާއި ސްކޫލްތަކުގެ ކްލާސްރޫމްތައް ބިނާކުރުމާއި، ކޮމިއުނިޓީ ސެންޓަރުތައް ގާއިމު ކުރުމާއި ކުޑަކުދިންގެ ޕާކު ހިމެނޭހެން ޕާކްތައް ގާއިމު ކުރުން ފަދަ މުހިންމު އެތައް ދާއިރާއެއްގެ މަސައްކަތް ކުރެވޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.