އަންނަ ހުކުރު ދުވަހު ފަށާ "ޓޯކިއޯ އޮލިމްޕިކް ގޭމްސް 2020" ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުގެ ފުރުސަތު ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހީމާއި ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާއަށް ދީފިއެވެ.

އިންޓަނޭޝަން އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ބުނީ، މި ފަހަރުގެ އޮލިމްޕިކްސްގައި މުޅިން އަލަށް ދިދަ އުފުލުމުގެ ފުރުސަތު އަންހެން އެތުލީޓަކާއި ފިރިހެން އެތުލީޓަކަށް ދޭން ނިންމީ މިންތީގެ ހަމަހަމަ ކަމަށް ތާއީދު ކުރުމުގެ ގޮތުން ކަމަށެވެ.

އެގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ވަނީ މި ފަހަރުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުގެ ފުރުސަތު މުބާލާއި ނަބާހާއަށް ދީފައެވެ. މި ދެ އެތުލީޓުންނަށް ދިދަ ހަވާލުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޖަޕާނުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޯސީގެ ރައީސް މުހައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރަން ރާއްޖޭގެ ކޮންޓިންޖެންޓް މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު ޖަޕާނަށް ފުރި އިރު، މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން ހަތަރު އެތުލީޓަކު ވާދަ ކުރާނެއެވެ. އެއީ މުބާލާއި ނަބާހާގެ އިތުރުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި، ފެތުންތެރިޔާ އައިޝަތު ސާޖިނާއެވެ.

އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުމުގެ ޝަރަފު ލިބުނު މުބާލު ޓޯކިއޯ އޮލިމްޕިކްސްގައި ވާދަ ކުރާނީ 100 މީޓަރު ފްރީސްޓައިލް އިވެންޓުގައެވެ. މުބާލަކީ އޮލިމްޕިކް ސްކޮލަޝިޕްގެ ދަށުން ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއެކު ތަމްރީނު ހެދުމުގެ ފުރުސަތު އައިއޯސީން ދިނުމުން، އޮސްޓްރޭލިއާގަ ތަމްރީނު ހަދަމުން އަންނަ ފެތުންތެރިއެކެވެ. އަދި މުބާލާކީ މިދިޔަ އަހަރުތަކުގައި ސްވިމިންގެ ބައިނަލްއަގުވާމީ އިވެންޓްތަކުގައި ބައިވެރިވެފައިވާ ފެތުންތެރިއެކެވެ. އެ ގޮތުން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ގައުމީ ފެތުމުގެ ސްކޮޑުގައިވެސް އޭނާ ހިމެނުނެވެ.

މީގެ އިތުރުން ދިދަ އުފުލުމުގެ ޝަރަފު ދެން ލިބުނު ނަބާހާއަކީ ބެޑްމިންޓަނުން އޮލިމްޕިކްސްގައި ވާދަކުރާނެ ރާއްޖޭގެ ފުރަތަމަ އަންހެން ކުޅުންތެރިޔާއެވެ. އޭނާ ވަނީ ފަހަކަށް އައިސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން ނަބާހާ ވަނީ 2019 ވަަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގެ މިކްސް ޑަބަލްސް އިވެންޓުން ހޯދި ދެ ރަން މެޑަލް ހޯދާފައެވެ.

އެގޮތުން އެ މުބާރާތުގެ އަންހެން ޑަބަލްސް ބައިން ނަބާހާ އާއި އޭނާގެ ކޮއްކޮ އައިމިނަތު ނަބީހާ ރަން މެޑަލް ހޯދިއިރު، އެ މުބާރާތުގެ މިކްސް ޑަބަލްސް އިން ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާވެސް ވަނީ ރަން މެޑަލް ހޯދާފައެވެ. އަދި 2019 ވަނަ އަހަރު އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަންހެން ޑަބަލްސް ބައިން ނަބާހާ އާއި ނަބީހާ ވަނީ ރިހި މެޑަލް ހޯދާފައެވެ.