6 މެއިގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާގައި ހައްޔަރު ކުރި 4 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، މިހަމަލާގައި ތުހުމަތުވާ 4 މީހެއްގެ ތަހުގީގު ރިޕޯޓް ޕީޖީއަށް ލިބިފައިވާ ކަމަށެވެ. ގާނޫނު ބުނާ ގޮތުންނަމަ އެކަމުގައި ގޮތެއް ނިންމަން ޕީޖީއަށް 15 ދުވަހުގެ މުއްދަތެއް އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ، 6 މެއިގެ ހަމަލާއާ ގުޅޭ ގޮތުން ކުރަމުންދާ ތަހުގީގުން ލިބިފައި ވާ ކުރިއެރުމާ ގުޅޭ ގޮތުން މައުލުމާތު ހިއްސާ ކުރުމަށް އަންނަ ހޮނިހިރު ދުވަހު ފުލުހުންނާ އެކު ޖޮއިންޓް ޕްރެސް ކޮންފެނރެންސެއް ބާއްވާނެ ކަމަށެވެ.

ނަޝީދަށް ދިން ހަމަލާގައި 8 މީހަކު ހައްޔަރުކޮށްފައި ވާކަން ހާމަކޮށްފައި ވާއިރު ވަނަވަރު ހާމަކޮށްފައި ވަނީ އޭގެ ތެރެއިން 5 މީހުންގެއެވެ. އެއީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26، ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އަދި ނ. މަނަދޫ، ނޫރީގޭ، އަލީ ހައިޝަމް، 27 އެވެ.