އަޟްހާ އީދަކީ، ހައްޖުގެ އަޅުކަމާ ވިދިގެން އަންނަ އުފާވެރި މުނާސަބަތަކަށް ވާއިރު، ހައްޖުގެ އަޅުކަމާއި އަޟްހާ އީދުގެ އުފާ ފާޅުކުރުމާ ދެމެދުގައި އޮތް ގުޅުމާ މެދު ވިސްނުން ހިންގައި، އެ ގުޅުން ދެމެހެއްޓުމަށް ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށާއި، އީދުގެ އުފާ ފާޅުކުރުމުގައި ވެސް، އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފަ އިވަނީ، ގައުމީ އެއްބައިވަންތަކަށް އާލާކޮށް، މުޖްތަމައުގެ ހަމަޖެހުމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ 1442 ވަނަ އަހަރުގެ އަޟްހާ އީދު ދުވަހުގެ މުނާސަބަތުގައި ފޮނުއްވާ ތަހުނިޔާގެ ހިތާބުގައެވެ. ރައީސް ސޯލިހް ވަނީ އީދު ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެ ރައްޔިތުންނަށާއި، އިސްލާމީ އުންމަތުގެ އެންމެހައި އަހުންނާއި އުހުތުންނަށް ވެސް އަޟްހާ އީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައި، މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވާ އެންމެހައި މުސްލިމުންނަށް، މަބްރޫރު ހައްޖެއް މިންވަރު ކުރެއްވުން އެދި މާތް ﷲ އަށް ދުއާ ދަންނަވާފައެވެ.

އެމަނިކުފާނުގެ ހިތާބުބުގައި ވިދާޅުވެފައި ވަނީ ކޮވިޑްގެ ހިތި ތަޖުރިބާތައް ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާފައިވާ މި ދަނޑިވަޅުގައި، އެންމެ މުހިންމު އިސްކަމެއް ދޭންޖެހިފައި ވަނީ، އާއިލީ ގުޅުންތައް ބަދަހި ކުރުމަށާއި، ރަހްމަތްތެރި ކަމާއި އެކުވެރިކަމުގެ ގުޅުންތައް އާލާކޮށް ދެމެހެއްޓުމަށްމ ކަމުގައެވެ. އަދި އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ދެ އީދަކީ ވެސް، މުސްލިމުންގެ މެދުގައިވާ އެކުވެރި ކަމާއި އެއްބަނޑު އެއްބަފާ ކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ހިތްހެޔޮ ކަމާއެކު އެކަކު އަނެކަކާ ބައްދަލުކޮށް، ހާލު އަހުވާލު އޮޅުން ފިލުވައި އުޅުމަށް ހާއްސަ ދެ މުނާސަބަތުކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ކޮންމެ މީހަކު ވެސް މިއަދު އަވަސް ވެގަންނަންވީ، ގާތްތިމާގެ މީހުންނަށާއި އެކުވެރި ރަހްމަތްތެރިންނަށާއި އެންމެހައި މުސްލިމުންނަށް، އީދުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުވުމަށް ކަމުގައެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ، މިއަދު ކުރިމަތިލާން ޖެހިފައި މިވާ ކޮވިޑްގެ ދަތި އުނދަގޫތަކުން އަރައި ގަތުމުގައި ވެސް، އެންމެ ވަރުގަދަ ބާރަކީ، އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށެވެ. އީދުގެ އުފާ ފާޅު ކުރާ އިރު، ގައުމީ ފެންވަރުގައި ވިސްނުން ހިންގަން ޖެހިފައއި ވަނީ، ބައިބައި ވުންތަކާއި ދެކޮޅުވެރި ކަމުގެ އެންމެހައި ވިސްނުންތައް އަޅުގަނޑުމެންގެ ސިކުނޑިތަކުން އެއްފަރާތްކޮށް، އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.