މާލެ ސަރައްހަދުގެ 39 މިސްކިތެއްގައި މާދަމާ އަޟްހާ އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެމުންދާތީ މި އަހަރުގެ އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރުމަށް މީގެ ކުރިން އެ މިނިސްޓްރީން ވަނީ ނިންމައިފައެވެ. އެހެންނަމަވެސް ކޮވިޑް ގެ ހާލަތު ކުރިއަށް ވުރެ ރަނގަޅުވެފައިވާތީ އީދު ނަމާދު މިސްކިތްތަކުގައި ކުރާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރުމަށް ނިންމާފައިވީ ނަމަވެސް، ކޮވިޑު ފެތުރިފައި ނެތް ރަށްރަށުގައި އީދު ނަމާދުގެ ބޮޑު ޖަމާއަތް ބާއްވަން އެދެފިނަމަ އެ ހުއްދައެއް ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

މާލެ ސަރަހައްދުގައި ކޮވިޑް އިންތިހާއަށް އިތުރުވުމާއި ގުޅިގެން މެއި މަހުގެ 26 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީއިން ވަނީ މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އަންގައިފައެވެ. ނަމަވެސް މިދިޔަ ޖޫން މަހު ދިން ލުއިތަކާއެކު އަނެއްކާވެސް ވަނީ ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަ ދީފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތަށް ދާ އިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިން ގައިދުރުކަން ބެހެއްޓުމާއި މާސްކް އަޅައިގެން ތިބުމަށާއި އަމިއްލަ މުސައްލައެއް ގެންދިއުމަށް އެދިފައެވެ.

މިއަހަރުގެ ފިތުރު އީދުގެ ނަމާދު މާލޭގަ ކޮށްފައެއް ނުވެއެވެ. އަދި މިދިޔަ އަހަރުވެސް ކޮވިޑް ގެ ހާލަތާއި ގުޅިގެން ދެ އީދު ނަމާދުވެސް މާލޭ ސަރަހައްދުގައިކޮށްފައެއް ނުވެއެވެ.