މި އުއްމަތުގެ ނަބީއްޔާ މުހައްމަދު صلى الله عليه وسلم އަށް ފުރައްސާރަކޮށް ކާޓޫން ކުރެހި ޑެންމާކްގެ ކާޓޫނިސްޓް، ކާޓް ވެސްޓަގާޑް މަރުވެއްޖެއެވެ.

މުޅި އިސްލާމީ ދުނިޔެ އެމީހަކާ ދެކޮޅަށް ނަފުރަތުގެ ގިނީގައި ތެދުވި ވެސްޓަގާޑް މަރުވީ، ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހުގައި ކަމަށް އޭނާގެ އާއިލާއިން ވަނީ ހާމަ ކޮށްފައެވެ.

1980 ގެ އަހަރުތަކުން ފެށިގެން ކާޓޫން ކުރަމުން އައި ވެސްޓަގާޑް، ދުނިޔޭގެ ރާޑަރަށް އެރީ 2005 ވަނަ އަހަރު، ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم އަށް ފުރައްސާރަކޮށް ކާޓޫން ކުރެހި ހިސާބުންނެވެ.

ވެސްޓާގާޑްގެ މި އަމަލުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ އިސްލާމީ ސަރުކާރުތަކުން ވަނީ ޑެންމާކުގެ ސަރުކާރަށް ޝަކުވާވެސް ހުށަހަޅާފައެވެ. އިސްލާމް ދީނަށް ފުރައްސާރަކޮށް، ވެސްޓަގާޑް ކުރެހި ކާޓޫންތަކުގެ ސަބަބުން، ފެބުރުއަރީ 2006 ގައި، އިސްލާމީ ގައުމުތަކުގައި މުޒާހަރާވެސް ކުރިއެވެ.

ގިނަ ބައެއްގެ ނަފުރަތު ލިބެމުންދިޔަ ވެސްޓަގާޑް، އޭނާގެ ހަޔާތުގެ ފަހުގެ ދުވަސްތައް ހޭދަ ކުރީ ހަށި ފާރަވެރިއަކާ އެކު، ކޮންތަނެއްކަން ހާމަ ނުކުރާ މަންޒިލެއްގައެވެ. ވެސްޓަގާޑް ވަނީ އޭނާ ކުރި އަމަލާ މެދު ހިތާމަ ނުކުރާ ކަމަށްވެސް ބުނެފައެވެ.