މާލޭގެ މަޖީދީ މަގު ޑިލައިޓް ކައިރިން ކާރެއް ހުއްޓުވާ އޭގައި އިން ކުއްޖަކަށް އަނިޔާކޮށް އެ ކުއްޖާގެ ބޯ ފަޅާލައިފިއެވެ.

މި މާރާމާރީގައި ޒަހަމްވި ކުއްޖާ ޕިކަޕަކަށް ލައިގެން ގެންދާ މަންޒަރު ފެންނަ ފޮޓޯތަކެއް މީސް މީޑިއާގައި ވަނީ އާއްމު ވެފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މަޖީދީ މަގާއި މާވެޔޮ މަގު ގުޅުނު ހިސާބުން ދުއްވާފައި ދިޔަ ކާރެއް ހުއްޓުވައި އެ ކާރުގައި އިން 14 އަހަރުގެ ފިރިހެން ކުއްޖެއްގެ ގައިގައި ތަޅައި، މާރާމާރީ ހިންގާފައިވާ ކަމަށް 18:38 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އަދި އެ މާރާމާރީގައި އަނިޔާ ވި ކުއްޖާގެ ބޯ ފަޅައިގެން ގޮސްފައި ވާތީ އޭޑީކޭގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މާރާމާތީ ހިނގަން ދިމާވި ސަބަބެއް އަދި އެކަން ކުރި ބައެއް ސާފު ނުޥާ އިރު ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.