ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އަދާލަތު ޕާޓީއަކީ ހަރުކަށި ބައެއް ކަމަށް ސިފަކުރައްވައިފިއެވެ.

މިއަދު ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، 2018 ގެ ރިޔާސީ އިންތިހާބުގައި އާންމުން އެމްޑީޕީ އަށް ވޯޓު ދިނީ، އެމްޑީޕީން ގެންގުޅޭ ފަލްސަލާތަކުގެ މައްޗަށް ކަމަށެވެ. އެގޮތުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި ހަމަހަމަ ކަމާއި މިނިވަންކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ސީޔާސީ ގޮތުން ހޯދުނު ކާމިޔާތައް ލިބުމުގައި ކޯލިޝަން ޕާޓުނަރުންގެ ދައުރު އޮތް ނަމަވެސް، މިއަދު ރައީސް ސޯލިހު ކޮންޓްރޯލް ކުރަނީ އަދާލަތުން ކަމަށް ނަޝީދު ވިދާޅުވެއެވެ.

ނަޝީދު ވިދާޅުވީ، ރައީސް ސޯލިހުގެ ހުރިހާ ނިންމެވުމެއްގެ މައްޗަށް ބަސް ކިޔާ ބަޔަކީ އަދާލަތު ކަމަށާއި، އެއީ ކުޑަކުޑަ ޕާޓީއަކަށް ވުމުގެ އިތުރުން "ވޯޓެއްވެސް ލިބޭ ބައެއް ނޫން" ކަމަށެވެ. އަދި ނިމިދިޔަ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ރައްޔިތުން ވޯޓު ދިނީ "ޕްރޮގްރޮސިވް" ވިސްނުމަށް ކަމަށާއި އެމީހުންނަކީ އަމިއްލަ މިނިވަން ކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިތުރުން މިޔުޒިކާއި ސަގާފީ އަދި އިގުތިސޯދީ ކުރިއެރުމަށް ވޯޓު ދިން މީހުން ކަމަށެވެ. އަދި ވޯޓު ދިން މީހުން ހަރުކަށި ވިސްނުމުގެ މީހުންނަށް ވޯޓު ނުދޭ ކަމަށާއި، އެއީ އަދާލަތު ކަމަށް ނަޝީދު ވަނީ ސިފަ ކުރައްވާފައެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، މިދިޔަ މެއި މަހު އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއިންވެސް ހަރުކަށި ފިކުރުގެ ނުރައްކާ އޮތް ގޮތް ސަރުކާރަށް ސާފުވާ ކަމަށާއި، އެފަދަ ހަމަލާތަކުގެ ސަބަބަކީ، ވަކިވަކި މީހުންނަކީ ކާފަރުން ކަމަށް ބުނެ ހަރުކަށި މީހުން ފަތުވާ ނެރުން ކަމަށެވެ. އެގޮތުން އެ ނެރޭ ފަތުވާ، ހައްދުފަހަނައަޅާފައި ތިބޭ ގްރޫޕުތަކުން ތަންފީޒު ކުރަން ނުކުންނަ ކަމަށާއި، ކުރިން އަވަހާރަ ކޮށްލި ޑރ. އަފްރާމްޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިޟްވާންގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދު މަރާލީވެސް އެފަދަ ގޮތަކަށް ކަމަށް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

ނަޝީދު ވިދާޅުވީ، މިފަދަ އެތައް ކަމަކާ ގުޅިގެން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން ތައްޔާރު ކުރި ބިލު (ނަފްރަތުގެ ބިލް) މަޖިލީހަށް ހުށަހެޅި ކަމަށާއި، ނަމަވެސް ސަރުކާރު ތެރޭގައި ހިމެނޭ ދީނީ ޕާޓީ ތަކުން (އަދާލަތު އަދި އެމްއާރުއެމް އަދި ޖޭޕީ) އިން ދެކޮޅު ހެދުމާއެކު ސަރުކާރުން އެބިލަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި ކަމަށެވެ. އަދި އެ ބިލަށް މަޖިލީހުގައި ތާއީދު ކުރި މެންބަރުންނަކީ (ކާފަރުން) ކަމަށް ލޭބަލް ކުރާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި، އެބިލާ ގުޅިގެން ކުރިއަށް ދާނެ މަގެއް ސަރުކާރުން ނުހޯދާނަމަ، ސަރުކާރަށް ތާއީދު ކުރުމަކީ ވަރަށް ދަތި ކަމެއް ކަމަށް ނަޝީދު ވިދާޅުވެއެވެ.

އަދި އެމްޑީޕީ ގަބޫލު ކުރާ ހަމަތަކާއި ޑިމޮކްރަސީގެ އުސޫލުތައް ދަމަހައްޓާ ނެގެހެއްޓުމަށް ރައީސް ސޯލިހަށް ގޮވާލައްވާ ކަމަށާއި، ތާއީދެއް ނެތް މައިނޯރިޓީ ޕާޓީ (އަދާލަތު) އިން ބޭނުންހާ ކަމެއް ކުރަން ދޫކޮށްލައިގެން ނުވާނެ ކަމަށް އެ ބަޔާން ނިންމަވާލައްވަމުން ނަޝީދު ވަނީ ވިދާޅުވެފައެވެ.