ގްރޭޓާ މާލެ ގްރިޑް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ އިރު މާދަމާ ހުޅުމާލޭގެ ބައެއް ސަރަހައްދުން ކަރަންޓުގެ ހިދުމަތް ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17، 18 އަދި 21، 22 ގައި ކަމަށެވެ. އެގޮތުން މާދަމާ ހެނދުނު 8:00 އިން ހަވީރު 5:00 އަށް އެ މަސައްކަތް ކުރަމުންދާނެ ކަމަށާއި އެގޮތުން މާދަމާ ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އަންނަ އާދިއްތަ ދުވަހު ކުރެވޭ މަސައްކަތުގެ ތެރެއިން ގްރިޑް މާލޭގެ އިންޖީނުގެއާ ސިންކޮރޮނައިޒް ކުރާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. ގްރޭޓާމާލޭ ގްރިޑްގެ ދެވަނަ ސާކިޓް އެނަޖައިޒް ކުރުމަށް ރޭވިފައިވަނީ އަންނަ ބުދަ ދުވަހު ކަމަށާއި އެދުވަހު ވެސް 8:00 އިން 5:00 އަށް އެ މަސައްކަތް ކުރިޔަށްދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެގޮތުން ބުދަ ދުވަހު އެ ވަގުތުތަކުގައި މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މި މަސައްކަތުގެ ފަހު ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށާއި އެ ދުވަހު ކުރިޔަށް ދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަޖައިޒް ކުރުމުގެ މަސައްކަތް ކަަމަށް ސްޓެލްކޯއިން ބުނެއެވެ.
ގްރޭޓާމާލެ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅާލާ މަޝްއޫއެކެވެ. އަދި މި މަޝްއޫގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.