ދިވެހިރާއްޖޭގެ އަޑަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އަލިމަނިކު (ކޮނޑޭ އަލިމަނިކު) ނިޔާވެއްޖެއެވެ.
އަލިމަނިކު ނިޔާވެފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. އެ މަރްހޫމްގެ ޖަނާޒާ ކުރިއަށް ގެންގޮސްފައި ވަނި އާސަހަރާ މިސްކިތުގައި މިއަދުގެ މަޣްރިބް ނަމާދަށް ފަހުގައެވެ. އަލި މަނިކު ނިޔާވި އިރު އޭނާގެ އުމުރަކީ 87 އަހަރެވެ.
އަލި މަނިކު ނިޔާވި ހަބަރާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެމަނިކުފާނު ކުރެއްވި ޓްވިޓުގައި ވިދާޅުވީ، މަރުހޫމް ކޮނޑޭ އަލިމަނިކަކީ ރާއްޖެއަށް ރޭޑިޔޯގެ ހިދުމަތް ތައާރަފު ކުރުމުގައި ވަރަށް އިސް ދައުރެއް އަދާ ކުރެއްވި ހިދުމަތްތެރިއެއް ކަމަށެވެ. އަދި މާތްلله މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް ވެސް ރައީސް ސޯލިހް އެދިވަޑައިގެންފައި ވެއެވެ.
ކޮނޑޭ އަލިމަނިކަކީ ދިވެހިރާއްޖޭގެ އަޑަށް ވަރަށް ގިނަ ދުވަހު ވަރަށް އިހްލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ ހުނަރުވެރި ބޭފުޅެކެވެ. ބްރޯޑްކާސްޓް ކުރުމަށް ބޭނުން ކުރި ބައެއް ޓްރާންސްމީޓަރާއި އިތުރު ބައެއް އިކުއިޕްމަންޓްތައް އަލިމަނިކު އަމިއްލައަށް އުފައްދަވައިގެން ބޭނުން ކުރައްވާފައި ވެއެވެ.
ޕަބްލިކް ސާވިސް މީޑިއާގެ އޯޑިއޯ ޓްރާސްންސްމިޓިންގް ދާއިރާއާއި އިކުއިޕްމަންޓް މަރާމާތު ކުރުމުގެ ދާއިރާގައި މިހާރު ވެސް މަސައްކަތް ކުރަމުންދާ ގިނަ މުވައްޒަފުންނަކީ އަލިމަނިކުގެ ދަރިވަރުންނެވެ.
ދިވެހިރާއްޖޭގެ އަޑުގެ ރަންޔޫބީލް ފާހަގަ ކުރުމުގެ ހަފްލާގައި އަލިމަނިކަށް ވަނީ ހިދުމަތުގެ ރަން ހަނދާނުގެ ޝަރަފްވެރިކަމުގެ އައްޑަނަ އަރުވާފައެވެ. އެ ހަފްލާގައި މިޝަރަފް އަރުވާފައި ވަނީ ހަތަރު ބޭފުޅަކަށެވެ. މިއީ ދިވެހިރާއްޖޭގެ އަޑަށް ކޮށްދެއްވާފައި ހިދުމަތުގެ އަގު ވަޒަންކޮށް މިހާތަނަށް އެއްވެސް ފަރާތަކަށް އަރުވާފައިވާ އެންމެ މަތީ ޝަރަފެވެ.