ސައްހަ ނޫން ހޮޓެލް ބުކިން ހިފައިގެން ރާއްޖެ އެތެރެވާން އުޅުނު 248 ފަތުރުވެރިން ހުއްޓުވައިފިއެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސައްހަ ނޫން ހޮޓެލް ބުކިން ހިފައިގެން ރާއްޖޭގެ ބޯޑަރުން އެތެރެވާން އުޅުނު 248 މީހަކު އިއްޔެ ހުއްޓުވާފައިވާ ކަމަށެވެ. ސައްހަ ނޫން ލިޔެކިޔުން ހިފައިގެން ރާއްޖެއަށް އެތެރެވާން އުޅުނު ފަތުރުވެރިން ދެނެގަތް އިމިގްރޭޝަންގެ އޮފިސަރުންނަށް ހަނަފީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދި އެމީހުންނަށް ރާއްޖެ އެތެރެވުމަށް ހުއްދަ ނުދޭނެ ކަމަށާއި ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ މަސައްކަތުގައި ދެމިތިބޭނެ ކަމަށް ވެސް އިމިގްރޭޝަން ކޮންޓްރޯލަރު ވިދާޅުވިއެވެ.

ހަނަފީ މިހެން ވިދާޅުވި އިރު ހުއްޓުވާފައި ވަނީ ކޮން ގައުމެއްގެ ފަތުރުވެރިން ތަކެއް ކަމެއް އޭނާ ހަމާއެއް ނުކުރައްވައެވެ.

ގިނަ އަދަދެއްގެ ފަތުރުވެރިން ހިފަހައްޓާފައި ވާއިރު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ދެކުނުއޭޝިއާ ޓޫރިސްޓުންނަށް ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަކީ ހައްލެއް ނޫން ކަމަށާއި ބޯޑަރުތައް ބަންދު ކުރަން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޗެކް ކުރާ އިރު ފާސް ނުވެއްޖެ ނަމަ، ބަންދުކުރުން ނޫން ގޮތެއް ނެތް ކަމަށް މައުސޫމް ވަނީ ވިދާޅުވެފައެވެ. ދެކުނު އޭޝިއާ އިން ޓޫރިސްޓުންނާ ގުޅޭ އިންތަކާ މިންތައް ތަންފީޒު ކުރާ މިންވަރު ބަލަން ހޮޓެލް/ގެސްޓްހައުސް ޓޫރިޒަމް ޓީމުން ޗެކު ކުރަމުން ދާނެ ކަމަށް ވެސް މައުސޫމް ވިދާޅުވެފައި ވެއެވެ.

މިމަހު 15 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިން ރާއްޖެއަށް އެތެރެވުމަށް ހުޅުވާލަށް ނިންމާފައިވާ އިރު، އެ އެޖެންސީން ވަކިގޮތެއް އަންގަންދެން ސައުތު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޗެކް އިން ނުވެވޭނެއެވެ. އެހެން ނަމަވެސް މާލޭގައި ފަތުރުވެރިން ފުރުމަށްޓަކާ ޓްރާންސިޓް ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ އުސޫލުގެ މަތިން އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގެސްޓްހައުސްތަކުގައި ތިބޭ ތިބުން އިސްތިސްނާ ވާނެއެވެ.

އަދި، ސައުތު އޭޝިއާގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކްއިން ކުރުމަށް ހުޅުވާލުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅައި އެކަން ޖުލައި 30، 2021 ގެ ކުރިން އަންގާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެއީ އޭރު އިންޑިއާގައި ކޮވިޑް ކޭސްތައް ގިނަ ވުމުގެ ސަބަބުންނެވެ.