ދިވެހިރާއްޖެއަކީ ލިޔުމުގައި އޮންނަ ގޮތާ ކަން ހިނގާ ގޮތާ ބައެއް ފަހަރު ތަފާތުވާ ތަނެކެވެ. އަދި އެކަހަލަ ކަމެއް ދިމާވީމާ ގެއްލުން ވާ ފަރާތަކުން އިންސާފު ހޯދަން ދާނެ ތަނެއް ނެތޭ ފަހަރު ވެސް އާދެއެވެ. މި ކަހަލަ ދެ ކަމެއްގެ ދެ މިސާލު މިތާނގައި ލިޔެލާނަމެވެ. މި ދެ މިސާލަކީ ސީދާ ހަގީގަތަށް ނުވިޔަސް، މިއީ ހަމަ ހިނގުން ވަރަށް އެކަށީގެންވާ ދެ ހާދިސާއެވެ.

މިސާލަކަށް، ރާއްޖޭގެ ރަސްމީ ޒިންމާދާރު މަގާމެއްގައި ހުރި މީހެކެވެ. އޭނާ އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާ ނުކުރި ކަމަށް ބަޔާންކޮށް، ބަޔަކު އޭނާއާ ދެކޮޅަށް ކޮންމެވެސް ކޯޓަކަށް މައްސަލައެއް ހުށައަޅައިފިއެވެ. ކޯޓުން ނިންމީ އެ މީހާ އޭނާގެ މަގާމުގެ ޒިންމާއަށް އިހުމާލު ވީ ކަމަށެވެ. އަދި އެކަން ސާބިތު ވީތީ، އޭނާގެ މައްޗަށް ހުކުމެއް ވެސް ކަނޑައެޅިއެވެ. އަދި މިއީ އޭނާގެ މައްޗަށް މިކަހަލަ ކަމެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވާތީ، އޭނާގެ ހުކުމް ތަންފީޒު ކުރުން ވަކި މުއްދަތަކަށް ސަސްޕެންޑް ކުރިއެވެ. އޭނާގެ ރެކޯޑުގައި އެ ޖެހުނީ ލައްގަނޑެކެވެ.

ހައެއްކަ އަހަރު ފާއިތުވެގެން ހިނގައްޖެއެވެ. މަތީގައި މިބުނާ މީހާ، އޭނާ ކުރިން ވެސް ހުރި ފަދަ ޒިންމާދާރު މަގާމަކަށް ކުުރިމަތިލިއެވެ. އަދި އެކަމާ ވިދިގެން އޭނާއާ އިންޓަވިއުކުރަން ކަމާބެހޭ ތަންތަނަށް އޭނާ ހާޒިރު ކުުރިއެވެ. އިންޓަވިއުގައި އޭނާއާ ކުރި ސުވާލުތައް އެތަނުގައި ތިބި މީހުން ނޫން އެހެން މީހުންނަކަށް ނޭނގޭނެތާއެވެ. އޭނާ ދިން ޖަވާބުތަކެއް ވެސް ދޭނެތާއެވެ. އެކަމަކު އެތާ ތިބި މީހުން އޭނާގެ ކުރީގެ ރެކޯޑުތައް ވެސް ބަލާނެތާއެވެ. އޭނާ އިހަށް އަދާކުރި މަގާމުގައި ޖެހުނު މައްސަލައިގެ ހުކުމުގައި ބުނާ މުއްދަތު ހަމަވިތާ މިތައް އަހަރު ފާއިތުވެފައި ވާތީ، ދެން ފެނުނީ އޭނާ ކުރިމަތިލި ޒިންމާދާރު މަގާމަށް އޭނާ ހޮވުނު ތަނެވެ. ޖެހުނު ލައްގަނޑު ފޮހެވުނީއެވެ. މިއީ އެއް މިސާލެވެ.

ދެން އޮތީ އަނެއް މިސާލެވެ. މިއީވެސް ރާއްޖޭގެ ރަސްމީ ޒިންމާދާރު މަގާމެއްގައި ހުރި މީހެކެވެ. އޭނާ މާ ގަޔާވާ އަންހެން ކުއްޖަކަށް އޭނާ ވަޒީފާ އަދާކުރަމުން ގެންދިޔަ ތަނުން ރަނގަޅު ވަޒީފާއެއް ހޯދައިދިން ވާހަކައެއް ބަޔަކު ދައްކަން ފަށައިފިއެވެ. އެ ވަޒީފާޔަށް ކުުރިމަތިލި އެހެން ކުދިންނާ އަޅައިބަލާއިރު ހޮވުނު ކުއްޖާގެ ސަނަދާއި ތަޖުރިބާގެ ފެންވަރު މާ ދަށޭ ބަޔަކު ކިޔަން ފަށައިފިއެވެ. މި ވާހަކަ އެންމެ ބާރަށް ދެއްކީ ހަމަ އެ ވަޒީފާޔަށް ކުރިމަތިލި، ނުފޫޒު ގަދަ މީހެއްގެ ޅަފުރައިގެ އަންހެން ދަރިޔެކެވެ. ދެނަކާ ދެނެއް ނެތެވެ. ވަޒީފާ ދިން ކަމަށް ބުނާ މީހާޔާ ސޯސަލް މީޑިޔާގައި ހަނގާކޮށް، ގަނާކުރަން ފެށިއްޖެއެވެ. އެފަކީރު ދެތިން ތަނަށް ’ނުރަސްމީ ހައިސިއްޔަތަކުން‘ ހާޒިރުވެސް ކުރެވިއްޖެއެވެ. ގަނާކޮށް، ގަނަތެޅުވުމެއް ނުހުއްޓުނެވެ. އެންމެ ފަހުން، އޭނާ ހުރި މަގާމުގެ މަތިން ފޫހިވެގެން އިސްތިއުފާ ދިނީއެވެ.

އަނެއްކާވެސް ހައެއްކަ އަހަރު ފަހެވެ. ފަހުން މި ބުނި މީހާވެސް އަނެއް ފަހަރު ޒިންމާދާރު ވަޒީފާޔަކާ ކުުރިމަތިލައިފިއެވެ. އޭނާވެސް އިންޓަވިޔުތަކަށް ހާޒިރުވާން ޖެހިއްޖެއެވެ. އިންޓަވިޔުގައި އޭނާޔާ ކުރެވުނު ސުވާލުތަކެއް، ދިން ޖަވާބުތަކެއް ވަކި ބަޔަކަށް ނޫނީ ނޭނގުނަސް ލީކުވެސް ވާނެތާއެވެ. އެހެން ނަމަވެސް، އޭނާ މީގެ ހައެއްކަ އަހަރު ކުރިން ވަކި އަންހެން ކުއްޖަކަށް ހަމަތަކުން ބޭރުން ވަޒީފާއެއް ދިން މައްސަލައިގެ ވާހަކަ އިންޓަވިޔުގައި ނެގުނެވެ. ތަންތަނަށް ހާޒިރުކުރެވި ސުވާލު ކުރެވުނު ކަން އޭނާޔަށް ހަނދާން ކޮށްދެވުނެވެ. ދިފާއުގައި އޭނާ ދެއްކި ވާހަކަތަކުގެ ތެރޭގައި އެއީ އަސާސެއް ނެތް އިލްޒާމެކޭ އޭނާ ބުންޏެވެ. މައްސަލަޔަކީ ވަކި މީހެއްގެ ދަރިޔަކަށް ވަޒީފާ ނުލިބުމުން އުފެއްދި މައްސަލަޔެކޭ ބުންޏެވެ. އޭނާ ހާޒިރު ކުރެވުނު ތާކަށް ހާޒިރު ކުރެވުނީ ނުރަސްމީ ކޮށޭވެސް ބުންޏެވެ. އަދި އޭނާގެ މައްޗަށް އެއްވެސް ކަމެއް ސާބިތެއް ނުވެޔޭވެސް ބުންޏެވެ. އަދި އިސްތިއުފާދިނީ އަބުރު ކަތިލައި، ގަނާކޮށް، ގަނަ ތަޅުވާ ވަރުން ފޫހިވެގެންނޭ ވެސް ބުންޏެވެ. އޭނާ އެހެން ބުންޏަސް، އެކަން އެހެން ވެފައި އޮތީތިއްޔޭ ކިޔައިފައި އޭނާ ކުރިމަތިލި މަގާމަށް އޭނާ ހޮވޭގޮތެއް ނުވިއެވެ. ލައްގަނޑު އަދިވެސް އޮތީތާއެވެ.

ސާބިތުވެފައި އޮތް ކުށަކާ، ބޮލުގައި އެޅުވި އިލްޒާމަކާ ދޭތެރޭ ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟ ކަންކުރެވުނު ގޮތުން ރަސްމީކޮށް ސާބިތު ކުރެވުނު ކުށުގެ ލައްގަނޑު ވަކި މުއްދަތެއް ވީމާ ފޮހެވެނީ ތާއެވެ؟ ނުފޫޒު ގަދަ މީހެއްގެ ދަރިޔަކަށް ވަޒީފާއެއް ހަމަ ނުޖެހުނީމާ، ބަދަލު ހިފުމުގެ ގޮތުން ޖެއްސި ލައްގަނޑު ފޮހެވޭނެ މުއްދަތެއް ވެސް ނޯންނަނީ ބާވައެވެ؟ ހުރިހާ ކަމެއްްވެސް އޮންނަނީ ތިމާ މީހާއާ ނުފޫޒު ގަދަ މީހުންނާ ދެމެދު އޮންނަ، ދެފަރާތަށް ފައިދާވާ ކަމަށް ބެލެވޭ ގުޅުމުގެ މައްޗަށް ބާވައެވެ؟ މިހިރީ ދެވަނަ މިސާލުގައި އެ ބުނާ މީހާ ކުރާ ސުވާލު ތަކަކަށް ވެސް ވެދާނެއެވެ.

ކުރިން ދެއްކި މިސާލުގައި އެ ފެންނަ ދެ ޒާތުގެ މީހުން ކުރެ އެކެއްގެ ފަރާތުން ވާހަކަ ދައްކާކަށް ވެސް ދޮންމަނިކު ނެތީމެވެ. އެ ތަނުން އެކަކީ އޭނާ ގޯހެއް ހެދި ކަމަށް ކޯޓަކުން ނިންމައިފައިވާ މީހެކެވެ. އަނެއް މީހާޔަކީ ސާބިތެއްނެތް އިލްޒާމެއް އޭނާގެ ބޮލުގައި އެޅުވުނު މީހެކެވެ. މިތަނުން އިންސާފު ލިބުނީ ކާކަށްހެވެ؟ ފުރަތަމަ މިސާލުގައި އެބުނާ މީހާޔަކީ ހާލަތާއި ތަނަށް ބަލައިގެން އުޅުން ބައްޓަން ކޮށްގެން އުޅެން އެނގޭ މީހެކޭ ކޮންމެވެސް ބަޔަކު ބުނާނެއެވެ. ދެވަނަ މީހާޔަކީ ތަނުގެ ގޮތްގަނޑު ނޭނގި، ވަކި އުސޫލަކަށް އުޅެން ހަދައިގެން ފޭލިވެފައި ހުރި މީހެކޭވެސް ހަމަ އެބަޔަކު ބުނެފާނެއެވެ. މި ދެގޮތުން ކުރެ ރަނގަޅު ގޮތަކީ ކޮބައިކަން ނިންމާނީ މިލިޔުން ކިޔާ ބައެކެވެ. ފޮހެވޭ ލައްގަނޑާއި ނުފޮހެވޭ ލައްގަނޑަކީ ކޮބައިކަންވެސް ނިންމާނީ ކިޔާ މީހުންނެވެ. އޮތް ގޮތާ އޮންނަންވީ ގޮތް ނިންމާނީވެސް ކިޔާ މީހުންނެވެ.