އޭޕްރިލް 2019 ގައި އަވަށްޓެރި ސްރީލަންކާގައި ވަރުގަދަ ޓެރަރިސްޓް ހަމަލާތަކެއް ދީ، 269 މީހުންގެ ފުރާނަ ދުއްވާލި ހާދިސާގެ ޖަރީމާ ހިންގި މީހުންނަކީ، ދައުލަތުގެ ޖާސޫސީ އިދާރާގެ ބައެއް މެންބަރުން ދަންނަ ބައެއް ކަމަށާ އަދި އެ މެންބަރުންނަކީ އެ ފަރާތްތަކާ ބައްދަލުވެސް ކޮށްފައި ވާ ބައެއް ކަމަށް ކުރާ ތުހުމަތުތަކުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް، ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ އަމުރު ކުރައްވައިފިއެވެ.

ގޮތަބާޔާ ރާޖަޕަކްސަ މިފަދަ ތަހުގީގަކަށް އަމުރު ކުރައްވާފައި މިވަނީ، ބޮމުގެ ހަމަލާތަކާ ގުޅިގެން ސަރުކާރުން އަމަލު ކުރަމުން ދާ ގޮތާ މެދު ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެ، އެ ގައުމުގެ ކެތޮލިކު ޗާޗަކުން ރައީސަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. އެ ޗާޗުން ވަނީ، އެ ގައުމުގެ ޖާސޫސީ އިދާރާގެ މެންބަރުންނަކީ، ހަމަލާ ދިން މީހުންނާ ގުޅުން އޮންނަ ބައެއް ކަމަށްވެސް ތުހުމަތު ކޮށްފައެވެ.

ލަންކާގެ ނޭޝަނަލް ކެތޮލިކް ކޮމިޓީ ފޮ ޖަސްޓިސް ޓު އީސްޓާ ސަންޑޭ އެޓޭކް ވިކްޓިމްސް ގުރޫޕުން ވަނީ، ކުރީގެ ރައީސް މައިތިރިޕާލަ ސިރިސޭނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް އަދުގެ ރައީސަށް ގޮވާލާފައެވެ. ސިރިސޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަންވީ، ރިޔާސީ އިންކުއަރީ ކޮމިޝަންގެ ރިޕޯޓް ގައި ވާ ފަދައިން، އިހުމާލުގެ މައްސަލައެއް އުޅޭތީ ކަމަށްވެސް އެ ގުރޫޕުން ބުނެއެވެ.

ރިޔާސީ އިންކުއަރީ ކޮމިޝަންގެ ރިޕޯޓް އާންމު ކޮށްފައެއް ނުވެއެވެ. ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންނަށް ރިޕޯޓުން ބައެއް ދޫކޮށްފައި ވާ އިރު، އެޓާނީ ޖެނެރަލްގެ ޑިޕާޓްމަންޓް އޮފް ޕްރޮސެޖިއުޝަންއާ މުޅި ރިޕޯޓް ހިއްސާ ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.