ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތިލަދުންމަތީ ދެކުނުބުރިއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ގިނަ ބަޔަކު އެއްތަން ނުވާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ކަމާގުޅޭ ހުރިހާ އިދާރާތަކަށް އަންގައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރިއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ހާއްސަ އިންތިޒާމްތައް ހަމަޖެއްސުމަށް ގިނަ ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް، ކޮވިޑްގެ މި ހާލަތުގައި ގިނަ ބަޔަކު އެއްތަންވުމަކީ އެންމެ ރައްކާތެރި ކަމަކަށް ނުވާނެތީ، ގިނަ ބަޔަކު އެއްތަން ނުވާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ކަމާގުޅޭ ހުރިހާ އިދާރާތަކަށް އަންގާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މި ދަތުރުފުޅު ކުރައްވަން ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން 18 އަށެވެ. މި ދަތުރުފުޅާކީ ތަރައްގީގެ މަޝްރޫއުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރައީސް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ތިލަދުންމަތީ ދެކުނުބުރީގެ ކުޅުދުއްފުށި ސިޓީ، ހދ. ހަނިމާދޫ އަދި ހދ. ކުމުންދޫއަށް ރައީސް ސޯލިހް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ހަނިމާދޫއަށް ރައީސް ސޯލިހް ވަޑައިގަތުމަށް ހަމަޖެހިފައިވާ އިރު އެ ރަށުގައި އެއާޕޯޓު ތަރައްގީ ކުރާ މަޝްރޫއުގެ ވާހަކަތައް ވަނީ ވައިގައި ހިފާފައެވެ. މި ޕްރޮޖެންޓާ ގުޅޭ ގޮތުން އެރަށުގެ އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ހިއްސާ ކުރަމުންނެވެ. އަދި އެ ކަންބޮޑުވުންތަކާއެކު ޕެޓިޝަނެއްގައި ސޮއިކޮށް ރައީސް އޮފީހަށް ވަނީ ހުށަހަޅާފައެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމާ ހަމައަށް ރައީސް ސޯލިހް ވަނީ ގިނަ ކައުންސިލްތަކަކާ ބައްދަލު ކުރައްވާފައެވެ. މިގޮތުން މިހާތަނަށް ޖުމްލަ 127 ބައްދަލުވުމެއް ލޯކަލް ކައުންސިލްތަކާ އެކު ބާއްވަވައި 69 ރަށަކަށް އެ މަނިކުފާނު ވަނީ ޒިޔާރަތް ކުރައްވާފައެވެ. ހަމައެއާއެކު ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވި، ހާލަތަށް އައިސްފައިވާ ބަދަލާ އެކު އިތުރު ރަށްރަށަށް ޒިޔާރަތްކުރައްވާ ތަރައްގީގެ މަޝްރޫއުތަކާ އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އެ މަނިކުފާނު ގާތުން ބައްލަވަމުން ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.