6 މެއިގައި ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ތައްޔާރު ކުރި ރިޕޯޓުގައި ދީފައިވާ ރިކޮމަންޑޭޝަންތައް ތަންފީޒު ކުރާ މިންވަރު ބަލަން އަންނަ ހަފްތާތެރޭ ފަށާނެ ކަމަށް އެމްޑީޕީ މެއި 6 ކޮމިޓީން ބުނެފިއެވެ.

އެމްޑީޕީގެ 179 ވަނަ ގައުމީ މަޖިލިސް ޖަލްސާގައި މައުލޫމާތު ދެއްވަމުން މެއި 6 ކޮމިޓީގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، ރައްޔިތުން މަޖިލީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހިންގި އިންކުއަރީގެ ފައިނަލް ރިޕޯޓު ވަނީ ލިބިފައި ކަމަށެވެ. އަދި އެ ރިޕޯޓުގައި ހުރި ކަންކަމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލައި އެ ރިޕޯޓުގައި ދީފައިވާ ރިކޮމަންޑޭޝަންތަކާ އެއްގޮތަށް ކަންކުރަމުން ދާ މިންވަރު ބައްލަވާނެ ކަމަށް ސިރާޖް ވިދާޅުވިއެވެ. އަދި އެކަންކަން ބައްލަވަން ފައްޓަވާނީ މި ފެށޭ ހަފްތާތެރޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

241 ކޮމެޓީން އާންމު ކުރި ރިޕޯޓުގައި ވަނީ 3 ކަމެއްގެ މައްޗަށް ބިނާކޮށް ޖުމްލަ 45 ރިކޮމަންޑޭޝަން އެއް ދީފައެވެ. އެއީ ޓެރަރިޒަމް އަދި ހަރުކަށި ފިކުރާ ގުޅޭ ގޮތުންނާއި، ފައިނޭނޝަލް އިންޓެލިޖެންސްއާ ގުޅޭ ގޮތުންނާއި، ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ދިފައިވާ ރިކޮމަންޑޭޝަންތަކެވެ. މި ރިކޮމަންޑޭޝަންތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަންކަން އަންގާފައި އެބަހުރި ކަމަށް ސިރާޖު ވިދާޅުވިއެވެ. އަދި މިކަންކަން ތަންފީޒު ކުރަމުންދާ މިންވަރު ބައްލަވާނެ ކަމަށް ސިރާޖު ވިދާޅުވިއެވެ.

241 ކޮމިޓީން އާންމު ކުރި ރިޕޯޓާ ގުޅިގެން ސިރާޖް ވަނީ ވާހަކަތަކެއް ހިއްސާ ކުރައްވާފައެވެ. އެ ގޮތުން އެ ރިޕޯޓަކީ 241 ކޮމެޓީއަށް ހާޒިރު ކުރި މީހުންނާ ކުރި ސުވާލުތަކުން އެއްކުރެވުނު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ރިޕޯޓެއް ކަމަށް އޭނާ ވިދާޅުވިއެވެ. ހާއްސަކޮށް އެ ރިޕޯޓުގައި ވަނީ އިންޓެލިޖަންސްގެ ކަންކަން ހުރި ގޮތާއި އިންޓެލިޖަންސް ކަންކަން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަން ކަމަށް ސިރާޖު ވިދާޅުވިއެވެ.

އެ ރިޕޯޓާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވަމުން ސިރާޖް ވިދާޅުވީ، އެ ރިޕޯޓުގައި އިންޓެލިޖަންސް އިން މައުލޫމާތު ހިއްސާ ކުރާނެ އުސޫލެއް ލިޔެފައި ނުވާ ކަމަށެވެ. ހަމައެއާއެކު އިންޓެލިޖަންސުން އެ އިދާރާގެ ތެރޭގައި ހިމެނޭ އެކި ޑިޕާޓްމަންޓްގެ މެދުގައި މައުލޫމާތު ހިއްސާ ކުރާނެ އޮނިގަނޑެއް ވެސް ހިއްސާކޮށްފައި ނުވާ ކަމަކީ ކަންބޮޑުވާ ކަމެއް ކަމަށް ސިރާޖު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ޓެރަރިޒަމް މަނާ ކުރުމުގައި ގާނޫނު އެކުލަވާލުމުގައި އިންޓެލިޖަންސް ހިއްސާ ކުރަން ޖެހޭ އޮނިގަނޑެއް އެ ގާނޫނުގައި ބަޔާންކޮށްފައި ވާ ކަމަށާއި 241 ކޮމިޓީ ރިޕޯޓު އާންމު ކުރި އިރުވެސް އެ އޮނިގަނޑު އެކުލަވާލާފައި ނުވާ ކަން ސިރާޖު ފާހަގަ ކުރެއްވިއެވެ.