މިނިސްޓާ އޮފް ސްޓޭޓް ފޯ ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ މަގާމަށް މ. ބާންސާގެ، މުހައްމަދު ޝިހާބު (ދަމާސް ޝިހާބް) އަދި މިނިސްޓާ އޮފް ސްޓޭޓް ފޯ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ މަގާމަށް މއ. ބޯގަންވިލާ، ހުސައިން އިސްމާއިލް މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވައިފިއެވެ.

ޖެންޑާގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި، މުހައްމަދު ޝިހާބަކީ އިންޑިޔާގެ ނިއުދިއްލީގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަލް ޕްލޭނިން އެންޑް އެޑްމިނިސްޓްރޭޝަންއިން ޑިޕްލޮމާ އިން އެޑިއުކޭޝަނަލް ޕްލޭނިން އެންޑް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މުހައްމަދު ޝިހާބަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑް މެންބަރުކަމާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ ޗައިލްޑް ރައިޓްސް އެމްބެސެޑަރުކަން މިހާރު ވެސް ކުރައްވަމުން އަންނަ ބޭފުޅެކެވެ. އަދި އެބޭފުޅާ ވަނީ މީގެ ކުރިން ދަމާސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ފުރުއްވާފައެވެ. މީގެ އިތުރުން ވެސް މުހައްމަދު ޝީހާބު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަގާމާއި، މަޖީދިއްޔާ ސްކޫލްގެ އެސިސްޓަންޓް ޕްރިންސިޕަލްގެ މަގާމު ވެސް ފުރުއްވާފައެވެ.

ޔޫތުްގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި ހުސައިން އިސްމާއިލް އަކީ ބެލްޖިއަމްގެ އިކޮނިމިކްސް ސްޓަޑީ ބިއުރޯ ބާޖް އިން ޑިޕްލޮމާ އިން މާކެޓީން އެންޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނިގް ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މި މަގާމަށް އައްޔަނު ކުރެއްވުމާއި ހަމައަށް ހުސައިން އިސްމާއިލް އަކީ ލ. ފޮނަދޫ ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލީހުގެ ރައީސްއެވެ. އަދި ހުސައިން އިސްމާއިލް އަކީ ހީޓް ހެލްތް އެންޑް ފިޓްނަސް ގެ ޗެއާމަންއެވެ.

މީގެ އިތުރުން ސަރުކާރުގެ އިސް މަގާމުތައް ވެސް ހުސައިން އިސްމާއިލް ވަނީ މީގެ ކުރިން ފުރުއްވާފައެވެ. އެގޮތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސް ޔޫތް އެންޑް ސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ހުސައިން އިސްމާއިލް ވަނީ އަދާކުރައްވާފައެވެ.