އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި 176.55 ކިލޯގެ މަސްތުވާތަކެތި މިއަދު ނައްތާލައިފިއެވެ.

ފުލުހުން ބުނީ ދޫނިދޫގައި މިއަދު ނައްތާލާފައި ވަނީ 2006 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 1000 ގްރާމް ކެނަބިސްއާއި، 2016 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 2925.95 ގްރާމް ކޮކޭންގެ އިތުރުން 2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެތީގެ ތެރެއިން ނައްތާނުލެވި ހުރި ތަކެއްޗާއި އަދި މި އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 71874.10 ގްރާމް ހެރޮއިންއެވެ.

އެ ތަކެތީގެ ތެރޭގައި ހިމެނެނީ 5418 ރަބަރު ޕެކެޓާއި، 3312 ސެލޯފިން ކޮޅާއި، ފިލްމު ހުސްކުރި 351 ދަޅާއި، 193 ބުލެޓާއި، 15 ބިޑިއާއި، 1460 ބޭސް ގުޅައާއި އަދި އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 3746 އައިޓަމެކެވެ. އެހެނިހެން އައިޓަމްގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރުމަށްޓަކައި ގެންގުޅޭ އާލާތްތައް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ފުލުހުން ބުނީ އޭގެ އިތުރުން ނައްތާލި ތަކެތީގެ ތެރޭގައި 146412.72 ގްރާމް ހެރޮއިންއާއި، 19003.6 ގްރާމް ކެނަބިސްއާއި، 36.18 ގްރާމް އެމްފެޓަމިންއާއި، 714.65 ގްރާމްގެ މެޓަމްއެމްފެޓަމިން ރެސިމޭޓްއާއި، 596.87 ގްރާމް އެމްޑީއެމްއޭގެ އިތުރުން 9784.57 ގްރާމް ކޮކޭން ހިމެނޭ ކަމަށެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ވަނީ މިދިޔަ މަސް ތެރޭގައި ނައްތާލައިފިއެވެ.