އެއްތަނުން އަނެއް ތަނަށް ހިޖުރަ ކުރަން އުޅުމުގެ ތެރޭގައި މެދުވެރިވި އެކި ސަބަބުތަކާ ހެދި، 2021 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި މަރުވި ހިޖުރަވެރިންގެ އަދަދު، 2 ގުނަ އިތުރުވެއްޖެއެވެ.

ހިޖުރަވެރިންނާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާ (އައިއޯއެމް) އިން ބުނީ، މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި، މި އަހަރުގެ މިހާތަނަށް ފުރާނަ ގެއްލި ދިޔަ މީހުންގެ އަދަދު 2 ގުނަ އިތުރު ވެފައި ވާ ކަމަށާ، އެގޮތުން، ކަނޑުމަގުން ވިލާތަށް ވަނަން މަސައްކަތް ކުރުމުގެ ތެރޭގައި 1146 މީގެއް ފުރާނަ ގެއްލިފައި ވާ ކަމަށެވެ. މި ދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި މަރުވީ 513 ހިޖުރަވެރިއެއް ކަމަށެވެ. 2019 ވަނަ އަހަރުގެ މިމުއްދަތުގައި، މި އަދަދު އުޅުނީ 674 ގައެވެ.

އައިއޯއެމްއިން ބުނީ، ކަނޑު މަތީގެ މިފަދަ ހާދިސާޓަކުގައި ސާޗް އެންޑް ރެސްކިއުގައި ހަރަކާތްތެރިވާ މަދަނީ އުޅަނދު ފަހަރަށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ހުރަސްތަކެއް ކުރިމަތިވާ ކަމަށެވެ. އެގޮތުން މިފަދަ ގިނަ އުޅަނދު ފަހަރަކީ ވިލާތުގެ ބަނދަރުތަކަށް އެތެރެވުން މަނާ ކޮށްފައި ވާ ބޯޓުފަހަރު ކަމަށާ، ސަބަބެއް ކަމަށް ވަނީ އިދާރީ ހަމަނުޖެހުންތަކުގެ އިތުރުން، ޖިނާއީ ކުށުގެ ތުހުމަތުގައި ހިންގާ ޝަރިއަތްތައް ކަން އައިއޯއެމްއިން ފާހަގަ ކުރެއެވެ.

ހިޖުރަވެރިން އާންމުކޮށް ބޭނުން ކުރާ މަގުތަކަށް ބަލާއިރު މެޑިޓަރޭނިއަން ކަނޑު މަގުން، ލީބިއާއިން އިޓަލީވިލާތަށް ދެވެން އޮންނަ ރާސްތާއަކީ އެންމެ ނުރައްކާތެރި އެއް ރާސްތާއެވެ. މި ސަރަހައްދުން 741 މީހެއްގެ ފުރާނަ ގެއްލިފައި ވެއެވެ. ދެން އެންމެ ގިނަ އަދަދެއްގެ ހިޖުރަވެރިން މަރުވީ ވެސްޓް އެފްރިކާއާއި ސްޕެއިންގެ ކޭނަރީ އައިލަންޑްސްއާ ދެމެދު އެޓްލާންޓިކް ކަނޑުގައި އޮންނަ ރާސްތާއެވެ. މި ރާސްތާއިން ދަތުރުކުރި ހިޖުރަވެރިންގެ ތެރެއިން 250 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް އައިއޯއެމްއިން ބުނެއެވެ.

އައިއޯއެމްއިން ވަނީ ކަނޑުމަގުން ހިޖުރަކުރާ މީހުންގެ ފުރާނަ ގެއްލިދާ މިންވަރު ދަށް ކުރުމަށް މިހާރުން މިހާރުން ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.