އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ހޯދާފައިވާ ވެހިކަލްތައް، އެ ސާވިސްއާ ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، އެ ވެހިލަކްތައް ހަވާލުކޮށްފައި ވަނީ މިއަދު ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ކަމަށާއި އެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި އިންޑިއާ ހައިކޮމިޝަންގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައި ވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި، އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުގެ އިތުރުން ކަމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވާހަކަ ދެއްކަވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވަނީ، ކުށްވެރިން އަލުން އަނބުރާ މުޖްތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ނެރެދިނުމަށް ކަރެކްޝަނަލް ސާވިސްއިން ކުރަމުންދާ މުހިއްމު މަސައްކަތް ފާހަގަ ކުރައްވައި، ދިވެހި ރައްޔިތުންނަށް މުހިއްމި ހިދުމަތެއް ފޯރުކޮށްދެމުންދާ އެ ސާވިސްއިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އެ މުއައްސަސާގެ ގާބިލްކަން އިތުރު ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ކަރެކްޝަނަލް ސާވިސްގެ މަސައްކަތް ފުރިހަމަ ގޮތުގައި ކުރުމަށް އަދި ދަތުރުފަތުރު ކުރުމަށް އެ ސާވިސްއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެތަނަށް ބޭނުންވާ އުޅަނދުފަހަރު ހޯދުމަށް 8 މިލިއަން ރުފިޔާ ވަނީ ހަމަޖައްސާފައެވެ. މި މަސައްކަތުގެ ފުރަތަމަ ބައިގެ ދަށުން 4 އެއްގަމު އުޅަނދުގެ ގޮތުގައި 3 ވޭން އާއި 1 ކާރު މިހާރު ހޯދާފައިވާ އިރު، ކަނޑުމަގުން ދަތުރުކުރުމަށް ސްޕީޑް ބޯޓެއް ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މި ޕްރޮޖެކްޓަކީ 2019 ވަނަ އަހަރު އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިއުލާންކުރެއްވި 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ކުރިއަށްގެންދެވުނު ޕްރޮޖެކްޓެކެވެ.