މިއަހަރުގެ އަޟްހާ އީދު ނަމާދުގެ ބޮޑު ޖަމާއަތް މާލޭގައި ނުބާއްވާން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް ވިދާޅުވީ، އީދު ނަމާދުގެ ބޮޑު ޖަމާއަތް މާލެ ސަރަހައްދުގައި ނުބޭއްވި ނަމަވެސް އަތޮޅު ތެރޭގައި ކޮވިޑް ނެތް ރަށްރަށުގެ ކައުންސިލުން ހުއްދަ އަަށް އެދުމުން ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ހުއްދަ ދޭނެ ކަމަށެވެ.
އީދު ނަމާދުގެ ބޮޑު ޖަމާއަތް މާލޭގައި ނުބާއްވާން ނިންމި ނަމަވެސް މިސްކިތްތަކުގައި އީދު ނަމާދު ޖަމާއަތުގައި ކުރާނެއެވެ.
ކޮވިޑާ ގުޅިގެން މާލޭގައި މިއަހަރުގެ ފިތުރު އީދު ނަމާދު ވެސް ބޮޑު ޖަމާއަތުގައި ކޮށްފައެއް ނުވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް ފަހު އަލުން ހުއްދަ ދިނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.
ކޮވިޑް ކޭސްތައް މަދުވަމުން އަންނައިރު މިމަހުން ފެށިގެން ސަރުކާރުން ލުއިތައް ދިނުމާއެކު މިހާރު އާންމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ޗުއްޓި ހޭދަ ކުރަން ރަށަށް ދިއުމަށް ދަތުރު ކުރަމުންނެވެ.
ސްކޫލްތައް ބަންދުވެފައި ވާ މި ދުވަސް ވަރު ބޮޑު އީދާއި މިނިވަން ދުވަހާ ދިމާވާތީ ރަށްރަށް ދަތުރު ކުރާ މީހުން ގިނަ ވަމުންދާތީ އެޗްޕީއޭއިން ވަނީ އީދު ފާހަގަ ކުރަން ބާއްވާ ކުޅިވަރުތަކާއި ހަފްލާތަކުގައި އާންމުން އެއްތަނަކަށް ގިނައިން އެއްވެ އުޅުން މަނާ ކޮށްފައެވެ.