އިރާގުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނާސިރިއްޔާގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ޕޭޝަންޓުންނަށް ހާއްސަކޮށްގެން ހިންގަމުން ދިޔަ ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 92 އަށް އަރައިފިއެވެ.

އޮކްސިޖަން ޓޭންޖެއް ގޮވައިގެން ހިނގި ކަމަށް ބެލެވޭ މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރު ވަމުން އަންނައިރު، އެމީހުންގެ އާއިލާތަކުން ދަނީ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުންނެވެ.

މި ހާދިސާގައި ފިހިގެން މަރުވި ބައެއް މީހުންގެ ހަށިގަނޑު ދެނެގަންނަން ޖެހުނީ ޑިއެންއޭ ޓެސްޓު ހަދައިގެން ކަމަށް ހަބަރު ލިބެއެވެ.

މިއީ ފާއިތުވީ 3 މަހެއްހާ ދުވަހުގެ ތެރޭގައި ހިނގި، މިފަދަ 2 ވަނަ ހާދިސާއެވެ. އޭޕްރިލް މަހު މަގުދާދުގެ ކޮވިޑް ހޮސްޕިޓަލެއްގައިވެސް އޮކްސިޖަން ޓޭންކެއް ގޮވައިގެން އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. އެ ހާދިސާގައި 82 މީހެއްގެ ފުރާނަ ގެއްލި، 100 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ޖުލައި 12، 2021 ވީ ހޯމަ ދުވަހުގެ ރޭ އިރާގުގެ ކޮވިޑް ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ޖަނާޒާގެ ތެރެއިން / ފޮޓޯ: ހިންދުސްތާން ޓައިމްސް

އަލް-ހުސައިން ޓީޗިންގް ހޮސްޕިޓަލުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި 100 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައި ވާ ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

މި ދަނޑިވަޅަކީ، ހަނގުރާމައާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނާއި ކޮވިޑްގެ ސަބަބުން، އިރާގުގެ ސިއްހީ ނިޒާމު އިނދަޖެހިފައިވާ ދަނޑިވަޅެކެވެ.

މިހާތަނަށް ބެލި ބެލުމުން، އަލް-ހުސައިން ޓީޗިންގް ހޮސްޕިޓަލުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، އޮކްސިޖަން ޓޭންކަކަށް ގުޅާފައިވާ ނަރަކުން އަލިފާން ކެނޑި، އެ ޓޭންކު ގޮވި ހިސާބުންނެވެ.

ބޮޑުވަޒީރު މުސްތޮފާ އަލް-ހާދިމީ ވަނީ، އިރާގުގެ އިސް ވަޒީރުންނާއެކު ކުއްލި ބައްދަލުވުމެއް ކުރިއަށް ގެންދަވާ، ނާސިރިއްޔާގެ ސިއްހީ އަދި މަދަނީ ދިފާއާ ބެހޭ މެނޭޖަރުން ސަސްޕެންޑް ކުރުމަށްވެސް އަމުރު ކުރައްވާފައެވެ.