އިންފްލުއެންޒާއިން ދިފާއުވުމަށް ވެކްސިން ޖަހާފައިވާ މީހުންނަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ކުރިމަތިވާ ސީރިއަސް، ބައެއް މައްސަލަތަކާ ކުރިމަތިލާން ނުޖެހި، ރައްކާތެރިކަން ލިބިފައި ވާ ބައެއް ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.

75000 ކޮވިޑް ޕޭޝަންޓުންގެ މައުލޫމާތަށް ބަލާއިރު، އިންފްލުއެންޒާ ވެކްސިން ޖަހާފައި ވާ ޕޭޝަންޓުންގެ ކިބައިން ސްޓްރޯކް، ޑީޕް ވެއިން ތްރޮމްބޯސިސް (ޑީވީޓީ) އަދި ސެޕްސިސް ފަދަ ނުރައްކާތެރި އަލާމާތްތައް ފެނުން މަދު ކަން ވަނީ ހާމަވެފައެވެ.

ކޮވިޑް ޕޭޝަންޓުންގެ ތެރެއިން އިންފްލުއެންޒާ ވެކްސިން ނުޖަހާ ޕޭޝަންޓުންނަށް ސްޓްރޯކް ޖެހުމަށް 45-58 ޕަސެންޓްގެ ފުރުސަތެއް އޮތް ކަމަށް ދައްކާފައި ވާއިރު، ޑީވީޓީއަށް މަގުފަހި ވުމަށް 4- ޕަސެންޓް ފުރުސަތު އަދި ސެޕްސިސްއަށް 36-45 ޕަސެންޓްގެ ފުރުސަތެއް އޮތް ކަން ވަނީ ހާމަވެފައެވެ.

އިންފްލުއެންޒާ ވެކްސިން ޖެހުމުން، ކޮވިޑް-19އާ ދެކޮޅަށް ހިސާބެއްގެ ދިފާއެއް ލިއްބައި ދެނީ، ދިފާއީ ނިޒާމު އެކަމަށް މަސައްކަތް ކުރާތީއެވެ. އަނެއް ސަބަބެއް ކަމަށް ބުނެވެނީ، ވެކްސިން ނުޖަހާ ތިބޭ ބަޔަކަށް ވުރެ، އިންފްލުއެންޒާގެ އެންމެ ވެކްސިނެއްވެސް ޖަހާފައި ހުރުމުން، އެފަދަ މީހުންގެ ސިއްހަތު، އެނޫން މީހުންނަށްވުރެ ރަނގަޅުވުމެވެ.

ދިރާސާގެ އިސް މުސައްނިފެއް ކަމަށްވާ، ޔުނިވާސިޓީ އޮފް މައޭމީގެ ޕްރޮފެސާ އޮފް ކްލިނިކަލް ސާޖަރީ، ޑރ ޑެވިންޑާ ސިންހް ވިދާޅުވީ، ކަން މިހެން އޮތް ނަމަވެސް، އިންފްލުއެންޒާ ވެކްސިނަކީ ކޮވިޑް ވެކްސިންގެ ބަދަލުގައި ބޭނުން ކުރެވިދާނެ ވެކްސިނެއްކަން، ސައެންސްގެ އަލީގައި ކަށަވަރުވީ ނޫން ކަމަށެވެ. އަދި ކޮވިޑް ވެކްސިން ޖެހުމަށް ލަފާ ދޭ ކަމަށްވެސް ޑރ ސިންހް ވަނީ ފާހަގަ ކުރައްވާފައެވެ.

އިންފްލުއެންޒާ ވެކްސިންގެ އެހީގައި، ކޮވިޑްގެ ސީރިއަސް މައްސަލަތަކަށް ހައްލެއް ލިބިދާނެ ކަމުގެ އިޝާރާތެއް ލިބިފައި މިވަނީ، ކޮވިޑް ވެކްސިން ކެމްޕޭންތައް ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފައި ވާ ދަނޑިވަޅެއްގައެވެ.