ކޮވިޑް-19 އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިންގެ އެންމެ ޑޯޒްއެއް ފުރިހަމަ ކުރުމުގެ ފުރުސަތުވެސް ބައެއް ގައުމުތަކަށް ނުލިބި އުޅެނިކޮށް، ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައި ވާ އާބާދީތަކަށް ބޫސްޓާ ޑޯޒް ޖެހުމަށް ގައުމުތަކުން ގޮވާލައިގެން ނުވާނެ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޮވިޑް ވެކްސިން ސަޕްލައި ފޯރުކޮށްދެވުމުގެ ފަރަގުގައި ހަމަހަމަ ކަމެއް ނެތް ކަމަށެވެ. ބައެއް ގައުމުތަކުން ބޫސްޓާ ޑޯޒްގެ ގޮތުގައި އެތައް މިލިއަން ޑޯޒްއަކަށް އޯޑަރު ދެމުން ދަނީ، ބައެއް ގައުމުތަކުގެ ސިއްހީ ހިދުމަތްތެރިންނާއި އެންމެ ނާޒުކު ހާލުގައި ތިބި މީހުންނަށް ޖަހާނެ ފުރަތަމަ ޑޯޒްވެސް ނުލިބި ވަނިކޮށް ކަމަށްވެސް ޑރ ޓެޑްރޯޒް ވަނީ ފާހަގަ ކުރައްވާފައެވެ.

ވެކްސިން ޖެހި މީހުންގެ ނިސްބަތް މަތީގައި އުޅޭ ގައުމުތަކަށް އަމާޒުކޮށްގެން ބޫސްޓާ ޑޯޒްގެ ގޮތުގައި ކޮވިޑް ވެކްސިން ފޯރުކޮށްދޭން މަސައްކަތް ކުރާ ކުންފުނިތަކުގެ ގޮތުގައި ޑރ ޓެޑްރޯޒް ވަނީ، ފައިޒާ އަދި މޮޑާނާ ފާހަގަ ކުރައްވާފައެވެ. މިފަދައިން ބޫސްޓާ ޑޯޒް ސަޕްލައި ކުރަން އަމާޒު ހިފުމުގެ ބަދަލުގައި، ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ފަގީރު އަދި މެދު ފަންތީގެ ގައުމުތަކަށް ވެކްސިން ހިއްސާ ކުރުމަށް މި ކުންފުނިތަކުން ވިސްނުން ބަދަލު ކުރަންވެސް ޑރ ޓެޑްރޯޒް ވަނީ ގޮވާލައްވާފައެވެ.

ޑަބްލިއެޗްއޯގެ ޗީފް ސައެންޓިސްޓް، ޑރ ސޯމްޔާ ސްވާމިނޭތަން ވަނީ، ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައި ވާ ފަރާތްތަކަށް ބޫސްޓާ ޑޯޒްއެއް ކޮންމެހެން ބޭނުން ވާ ކަމުގެ ހެއްކެއް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.