އިރާގުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނާސިރިއްޔާގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ހާއްސަކޮށްގެން އޮޕަރޭޓް ކުރަމުންދިޔަ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 44 އަށް އަރާ، ޒަހަމް ވީ މީހުންގެ އަދަދު، 67 އަށް އަރައިފިއެވެ.

ބެލެވޭ ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އޮކްސިޖަން ޓޭންޖެއް ގޮވުމުގެ ސަބަބުންނެވެ.

އަލިފާނުގެ ހާދިސާގައި އަނދާ ހުލިވެފައިވާ ހޮސްޕިޓަލު އިމާރާތުގެ ތެރެއިން އިތުރު މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، ބޮޑުވަޒީރު މުސްތޮފާ އަލް-ހާދިމީ ވަނީ، އިރާގުގެ އިސް ވަޒީރުންނާއެކު ކުއްލި ބައްދަލުވުމެއް ކުރިއަށް ގެންދަވާފައެވެ. އަދި ނާސިރިއްޔާގެ ސިއްހީ އަދި މަދަނީ ދިފާއާ ބެހޭ މެނޭޖަރުން ސަސްޕެންޑް ކުރުމަށްވެސް ބޮޑުވަޒީރު ވަނީ އަމުރު ކުރައްވާފައެވެ.

ޖުލައި 12، 2021 ވަނަ ދުވަހު އިރާގުގެ ނާސިރިއްޔާގެ ކޮވިޑް ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާ / ފޮޓޯ: ރޮއިޓާޒް

އަލް-ހުސައިން ކޮރޯނާވައިރަސް ހޮސްޕިޓަލުގެ މެނޭޖަރު ސަސްޕެންޑް ކޮށްފައި ވާއިރު، އޭނާ ހައްޔަރު ކުރުމަށްވެސް އަމުރެއް ނެރެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ހަނގުރާމައާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިނދަޖެހިފައިވާ އިރާގުގެ ސިއްހީ ނިޒާމަށް، ކޮވިޑްގެ ސަބަބުން ވަނީ ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެފައެވެ. މި ބައްޔަށް އެ ގައުމުން ޕޮޒިޓިވްވި ކޭސް ނަމްބަރު، 1.4 މިލިއަނަށް ވުރެ މައްޗަށް އަރާފައި ވާއިރު، ކޮވިޑް ޖެހިގެން އިރާގުން މަރުވި މީހުންގެ އަދަދު ވަނީ 17500 އަށް ވުރެ މައްޗަށް އަރާފައެވެ.

އޭޕްރިލް މަހު މަގުދާދުގެ ކޮވިޑް ހޮސްޕިޓަލެއްގައިވެސް އޮކްސިޖަން ޓޭންކެއް ގޮވައިގެން އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. އެ ހާދިސާގައި 82 މީހެއްގެ ފުރާނަ ގެއްލި، 100 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.