މަނީ ލޯންޑަރިންގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނބުރާ ޖަލަށް ބަދަލު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން ދާ ކަމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސުން ބުނެފިއެވެ.
މާފުށީ ޖަލުގެ އޮފިސަރަކު ކޮވިޑަށް ޕޮޒިޓިވްވެ ޖަލުގައި ކޭސްތައް ފެތުރެން ފެށުމާއި ގުޅިގެން ޖަލުގައި ތިބި ހައިރިސްކު މީހުން ގެއަށް ބަދަލުކުރީ މިދިޔަ އޭޕްރީލް މަހުގެ ފަހު ކޮޅުގައެވެ. އޭގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ހިމެނިވަޑައިގަންނަވައެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ކަރެކްޝަނުން ބުނީ މާފުށީގައި ކޮވިޑް ހާލަތު ގޯސްވެ ގެއަށް ބަދަލު ކުރި ގައިދީން އަނބުރާ މާފުށީ ޖަލަށް ބަދަލު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި މިހާރު މާފުށީގެ ހާލަތު ރަނގަޅު ކަމަށެވެ.
މާފުށީ ޖަލުގައި ހުންނަވަނިކޮށް ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެކަމަށް އެދި ގޮވާލާ މާލޭގެ މަގުތަކުގައި މި އަހަރު ކުރީކޮޅު މުޒާހަރާކޮށްފައި ވަނިކޮށެވެ. ހަމައެއާއެކު ސިއްހީ ހާލުކޮޅު ހުރިގޮތުން ގެއަށް ބަދަލުކޮށް ދިނުމަށް އެދި އެމަނިކުފާނުގެ އާއިލާއިން ވެސް ވަނީ އޭރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއް ވެސް ފޮނުއްވާފައެވެ.
ހަމައެއާއެކު އޭޕްރީލް މަހުގައި ޔާމީން ގެއަށް ބަދަލު ކޮށްފައި ވަނީ ރޯދަ މަހަށް ރައީސް ޔާމީންއަށް ލުއި ގޮތްތަކެއް ހަމަޖައްސަވާ ދެއްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައި ވެސް ވަނިކޮށެވެ.
އެމަނިކުފާނު ގެކޮޅުގައި ހުންނަވަނިކޮށް މި މަހުގެ 10 ވަނަ ދުވަހުގެ އިތުރުން މިއަދު ވަނީ ފުލުހަށް ހާޒިރުކޮށް އެމްއެމްޕީއާރްސީގެ މައްސަލައަކާ ގުޅޭ ގޮތުން ސުވާލު ކޮށްފައެވެ. އެ ގޮތުން މިހާރު ފުލުހުން ތަހުގީގު ކުރަމުން ދަނީ ވ. އާރަށުގެ މައްސަލަ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވިއެވެ. އަދި ނިމިފައިވާ އާރަށުގެ މައްސަލަ އަލުން ހުޅުވައިގެން ތަހުގީގު ކުރަމުން ދާތީ ވަކީލުން އަންނަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.