ރަންތަކެއް ދިރުވާލައިގެން ރާއްޖެ އެތެރެކުރި މީހަކު ދޮޅު އަހަރަށް ޖަލަށް ލާން ރާއްޖޭގެ ކްރިމިނަލް ކޯޓުން ހުކުމް ކުރި އިރު ބަންދު މުއްދަތު ކެނޑީގައި ބާކީ އޮތީ 25 ދުވަހެވެ.

އިންޑިއާގެ ރައްޔިތަކު މިދިޔަ އަހަރުގެ ފެބްރުއަރީ ގައި ރާއްޖެ އައިއިރު އޭނާގެ ހަށިގަނޑުގައި އެއްޗެއް ފޮރުވާފައި ވާ ކަމަށް ޝައްކުވެގެން ކަސްޓަމްސް އިން ޗެކް ކުރިއިރު ދިރުވާލާފައިވާ 763 ގްރާމް ރަނާއި އެހެނިހެން މާއްދާތަކެއް ހުރި ބުލެޓްތަކެއް އޭނާގެ ބަނޑު ތެރޭގައި ހުއްޓެވެ. އެގޮތަށް ރަން އެތެރެކުރީ ޑިއުޓީ ނުދެއްކުމުގެ ބޭނުމުގައި ކަމަށް އޭނާ ތަހުގީގުގައި އެއްބަސްވިޔަސް، ފަހުން ކޯޓުގައި އޭނާ އެކަމަށް އިންކާރު ކުރިއެވެ.

ދައުލަތުން އޭނާގެ މައްޗަށް ދައުވާ ކުރީ ރާއްޖެއަށް ސިއްރުން މުދާ އެތެރެ ކުރުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އޭނާ އެ ދައުވާއަށް އިންކާރު ކުރި ނަމަވެސް ހެކިންގެ ހެކިބަހުން އެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. ކަސްޓަމްސްގެ ގާނޫނުގެ ދަށުން އޭނާ އެއް އަހަރާއި ހަ މަހަށް ޖަލަށްލާން ހުކުމްކޮށްފައި ވާއިރު އެތެރެކުރި ތަކެތި ދައުލަތަށް ނެގުމަށް ވެސް އެ ހުކުމުގައި އަންގާފައިވެއެވެ.

އެއް އަހަރާއި ހަ މަހަށް ޖަލަށްލާން ހުކުމް ކުރިނަމަވެސް އޭނާ ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު ހުކުމުގެ މުއްދަތުން އުނި ކުރުމުން އޭނާ ދެން ޖަލުގައި ހޭދަ ކުރަން ޖެހޭނީ 25 ވަރަކަށް ދުވަހެވެ.

މިއީ އިމްޕޯޓް ޑިއުޓީއަށް މަކަރު ހެދުމުގެ ގޮތުން ރާއްޖެއަށް މިފަދަ އެއްޗެއް ދިރުވާލައިގެން އެތެރެކުރަނިކޮށް އަތުލައިގަތް ފުރަތަމަ ފަހަރެވެ.