ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް، އެމީހާއަށް ބިރު ދައްކައި މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރު ކުރި ދެމީހުންގެ މައްޗަށް ދައުވާ ކުރުމަށް އެދި ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ، މި މައްސަަލައިގައި ހައްޔަރު ކުރި ހދ. ކުޅުދުއްފުށި، މާތުނޑި، މުއާޒް އަލީ އާއި، ހދ. ކުޅުދުއްފުށި، ސެޓްލައިޓް، މުހައްމަދު އާދަމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ކޯޓަށް ހުށަހަޅާފައި ވަނީ މި މަހުގެ 8 ވަނަ ދުވަހު ކަމަށެވެ. އެގޮތުން އެމީހުންގެ މައްޗަށް ކުރާ ދައުވާތަކަކީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ ކަަމށް ޕީޖީން ބުނެއެވެ.
ޕީޖީން މި މައްސަލައިގައި ދެމީހެއްގެ މައްޗަށް ދައިވާ ކޮށްދިނުމަށް އެދިފައިވާ އިރު މި މައްސަލާގައި ތުުހުމަތު ކުރެވުނު އިތުރު ހަތަރު މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާ ކަމަށް ޕީޖީން ބުނެއެވެ. އަދި އެ 4 މީހުންގެ މައްސަލައިގެ ބައި ދިވެހި ފުލުހުންގެ ހިދުމަތަށް އަނބުރާ ވަނީ ފޮނުވާލާފައެވެ.
އުމުރުން 29 އަހަރުގެ އަހްމަދު އިބްރާހިމް ރަހީނުކޮށް ކާރެއްގައި ގެންގޮސް ޒަހަމް ކޮށްލައި އެއްލާލައިފައި އޮއްވާ ފެނުނީ މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހު އެވެ.
ރަހީނުކޮށް އަނިޔާ ލިބުނު މީހާގެ އާއިލާއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އޭޑީކޭ ހޮސްޕިޓަލުން އޭނާގެ ބޮލުގެ އޮޕްރޭޝަނެއް ވަނީ ކޮށްފައެވެ. އެހެން ނަމަވެސް ސިކުނޑިއަށް ވަރަށް ބޮޑަށް ގެއްލުންވެފައި ވާ ކަމަށާއި އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ.
އޭނާގެ ބޮލުގެ ނާށިގަނޑު ފުނޑު ފުނޑުވެފައިވާ ކަމަށް އޮޕަރޭޝަނަށް ފަހު ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ. އޭގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ބޮލުގެ ނާށިގަނޑު ނަގާ، އާޓިފިޝަލް ނާށިގަނޑެއް ލައްވާފައިވާ ކަމަށް ވެސް އާއިލާއިން ބުނެއެވެ. މީގެ އިތުރުން ސިކުނޑި ދުޅަވެފައި ވާތީ ދުޅަ ތިރިވުމުން އިތުރު އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރުން ނިންމާފައިވާ ކަމަށް އާއިލާއިން ބުނެއެވެ.