ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި ހަމަލާގެ ފަހަތުގައި ތިބި މީހުންނާ ދެކޮޅަށް ވަރުގަދަ ދައުވާއެއް އުފުލޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސްގެ ހާއްސަ މަންދޫބް އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.

އޭނާއަކީ މި މައްސަލައިގެ ތަހުގީގު ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައްޔަންކުރެއްވި ހާއްސަ މަންދޫބެވެ. އައްބާސް ފާއިޒް މިހެން ވިދާޅުވެފައި ވަނީ މިއަދު ރައީސް ސޯލިހާ ބައްދަލު ކުރައްވައި އޭނާ ކުރެއްވި މަސަކަތްތަކުގެ ފަހުގެ މައުލޫމާތުތައް އެމަނިކުފާނާ ހިއްސާ ކުރައްވިކަން ހާމަކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

އައްބާސް ވިދާޅުވީ، މިހާތަނަށް ތަހުގީގު ކުރިއަށް ދިޔަ ގޮތަށް ބަލާ އިރު މުޅި މައްސަލައަށް ބަލައިގެން ތަހުގީގު ހިންގަމުންދާ ކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި ފުލުހުން މައްސަލަ ތަހުގީގު ކުރަމުންދަނީ ފަރުވާތެރިކަމާއެކުގައި ކަމަށެވެ. ފުލުހުންނާއި ޕްރޮސެކިއުޓަރުގެ މަސައްކަތާ އެކު ކޯޓްގައި ވަރުގަދަ ދައުވާއެއް އުފުލޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އައްބާސް ވިދާޅުވެފައެވެ.

މިއަދު އައްބާސް އާއި ރައީސް ސޯލިހް ކުރެއްވި ބައްދަލުވުމުގައި އައްބާސް ފާއިޒް ވަނީ ރައީސްގެ މަންދޫބުގެ ހައިސިއްޔަތުން މި ވޭތުވެ ދިޔަ ދުވަސްތަކުގައި ކުރައްވާފައި މުހިންމު މަސައްކަތްތަކާ އަދި ކުރިއަށް މަސައްކަތްތައް ރާވާލައްވާފައިވާ ގޮތުގެ މައުލޫމާތުތައް ވެސް ހިއްސާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ ރައްޔިތުންގެ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަހުގީގުގައި އެންމެހާ ކޯޓު މަރުހަލާތައް ވީހާ ވެސް އިންސާފުވެރިކޮށް، ދެފުށް ފެންނަ ގޮތަށް ކުރިޔަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ.

މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް 8 މީހެއްގެ މައްޗަށް ތުހުމަތު ކުރެވި ތަހުގީގު ކުރަމުން ގެންދެއެވެ. އަދި ވަރަށް އަވަހަށް ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން ފަސް މީހަކު ހައްޔަރު ކޮށްފައިވެއެވެ. އެއީ ވ. ތިނަދޫ ލަކީ، 25 އަހަރުގެ އަދުހަމް އަހްމަދު އާއި، މއ. ފޭރުގެ 21 އަހަރުގެ މުޖާޒް އަހުމަދު އާއި، ގއ. ކޮނޑޭ ފޮޅޭމާ 32 އަހަރުގެ ތަހުމީން އަހްމަދުގެ އިތުރުން ލ. ގަން ދުންފިނިއުފާ 23 އަހަރުގެ އަހްމަދު ފާތިހް އަދި ނ. މަނަދޫ، ނޫރީގެ، 27 އަހަރުގެ އަލީ ހައިޝަމް އެވެ.

ހަމަލާގެ އިސް މީހަކީ މިހަމަލާ ދިނުމަށް ބޭނުން ކުރި އައިއީޑީ ގޮއްވާލި އަދުހަމް ކަމަށް ފުލުހުން ބުނެއެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. ފާތިހް އަކީ ހަމަލާ ދިން ތަނުގައި ސައިކަލް ބެހެއްޓި މީހާ އެވެ. މުޖާޒް ހައްޔަރުކޮށްފައި ވަނީ ހަމަލާ ރޭވުމުގައި ބައިވެރިވި ކަމުގެ ތުހުމަތު ގައެވެ.