ދިވެހިރާއްޖެއިން ބޭރުގެ މީހުންނަށް ރައްދުވާގޮތަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ނެރޭ އަމުރުތައް އެމީހުންނަށް ދޭހަވާނޭހެން އިނގިރޭސި ބަހުން ނެރެވިދާނެކަމަށް ސުޕްރީމްކޯޓުން އަންގައިފިއެވެ.

ސުޕްރީމްކޯޓުން މިއަދު ނެރުނު ޕްރެކްޓިސް ޑައިކްޝަނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ކޯޓެއްގެ އިހްތިސާސް ނެތް ތަނެއްގައި ހުރި ފަރާތަކާ ގުޅިގެން ނެރެން ޖެހޭ ކޯޓު އަމުރު އިނގިރޭސި ބަހުން ނެރެވިދާނެ ކަމަށެވެ.

ޕްރެކްޓިސް ޑައިރެކްޝަންގައި ބުނެފައިވަނީ ރާއްޖޭގެ ކޯޓުތަކުގެ އިހްތިސާސް ނުހިނގާ ސަރަހައްދުތަކާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދެއްގައި ނުވަތަ ސަރަހައްދުން ބޭރުގައި ހުރި ފަރާތެއް، އެއްޗެއް ނުވަތަ އޮތް އުޅަނދެއް ހިމެނޭ މައްސަލަތައް ހިމެނޭ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި އިނގިރޭސި ބަހުން ކޯޓު އަމުރު ނެރެވިދާނެ ކަމަށެވެ.

އިނގިރޭސި ބަހުން ކޯޓު އަމުރު ނެރެވޭނެކަމަށް ސުޕްރީމްކޯޓުން ބުނެފައި ވަނީ ބައިނަލްއަގްވާމީ ފަރާތެއްގެ މައްޗަށް ނުވަތަ އެފަރާތުގެ ބޭނުމަށް ނެރޭ އަމުރުތަކާއި ބިދޭސީއެއްގެ މައްޗަށް ނެރޭ އަމުރުތައް އެ ފަރާތްތަކަށް ދޭހަވާނޭ ފަދަ ބަހަކުން އޮތުމަކީ މުހިންމުކަމެއް ކަމުގައި ވާތީ ކަމަށެވެ.

އިނގިރޭސި ބަހުން ނެރޭ ކޯޓު އަމުރެއްވެސް އޮންނަން ވާނީ ރާއްޖޭގައި ދިވެހި ބަހުން ނެރޭ ކޯޓު އަމުރުތަކާ އެއް ފޯމެޓެއްގައެވެ.

ގާނޫނީ ގޮތުން ޕްރެކްޓިސް ޑައިރެކްޝަންސް އަކީ ކުދި ކުދި އިޖުރާއީ މައްސަލަތަކާ ގުޅޭ ގޮތުން މަތީ ކޯޓުތަކުން އިރުޝާދު ދީ ރެގިއުލޭޓް ކުރުމަށް ނެރޭ ވަސީލަތެކެވެ.