ހދ. ކުޅުދުއްފުށި ސިޓީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރު ކުރި ދެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.
އުމުރުން 29 އަހަރުގެ އަހްމަދު އިބްރާހިމް ރަހީނުކޮށް ކާރެއްގައި ގެންގޮސް ޒަހަމް ކޮށްލައި އެއްލާލައިފައި އޮއްވާ ފެނުނީ މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރު ކުރިއެވެ.
އެގޮތުން ފުލުހުން ބުނީ، މިދިޔަ މަހުގެ 30 ވަނަ ދުވަހު ހައްޔަރު ކުރި 4 މީހުންގެ ތެރެއިން ބަންދުން ދޫކޮށްލުމަށް ފަހު އަނެއް ދެ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދީ ޕީޖީއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އިއްޔެ ހައްޔަރު ކުރި 2 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރުގެ ދަށުން 24 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ. އެއަށް ފަހު ހައްޔަރު ކޮށްފައި ވަނީ 20 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެކެވެ. ނަމަވެސް މި ހަތަރު މީހުންގެ ތެރެއިން ދައުވާ ކޮށްފައި ވަނީ ކޮން ދެމީހުންނަކަށް ކަން ފުލުހުން ހާމައެއް ނުކުރެއެވެ.
ރަހީނުކޮށް އަނިޔާ ލިބުނު މީހާގެ އާއިލާއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އޭޑީކޭ ހޮސްޕިޓަލުން އޭނާގެ ބޮލުގެ އޮޕްރޭޝަނެއް ވަނީ ކޮށްފައެވެ. އެހެން ނަމަވެސް ސިކުނޑިއަށް ވަރަށް ބޮޑަށް ގެއްލުންވެފައި ވާ ކަމަށާއި އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ. އޭނާގެ ބޮލުގެ ނާށިގަނޑު ފުނޑު ފުނޑުވެފައިވާ ކަމަށް އޮޕަރޭޝަނަށް ފަހު ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ. އޭގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ބޮލުގެ ނާށިގަނޑު ނަގާ، އާޓިފިޝަލް ނާށިގަނޑެއް ލައްވާފައިވާ ކަމަށް ވެސް އާއިލާއިން ބުނެއެވެ. މީގެ އިތުރުން ސިކުނޑި ދުޅަވެފައި ވާތީ ދުޅަ ތިރިވުމުން އިތުރު އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރުން ނިންމާފައިވާ ކަމަށް އާއިލާއިން ބުނެއެވެ.