މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މަރާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު މާލެ ގެނެސްފިއެވެ.

މަރާލުމަށް ފަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އިރުއުތުރު ސަރަހައްދުގެ މޫދަށް އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރު ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލާފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ. އެކުއްޖާ ހަށިގަނޑު އިންޑިއާއަށް ގެންދިޔަ ދުވަހު ނޫން އަނެއް ދުވަހު ޕޯސްޓްމޯޓަމް ހަދާފައިވާ އިރު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކުއްޖާގެ ހަށިގަނޑު މިއަދު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަދު ފުލުހުން ވަނީ އެކުއްޖާގެ ހަށިގަނޑު ރާއްޖެއަށް ގެނެސްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އަދިވެސް އެކުއްޖާގެ ޕޯސްޓްމޯޓަމުން އެނގުނު ކަންކަން ފުލުހުން ހާމަކޮށްފައެެއް ނުވެއެވެ.

13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން 20 ވަނަ ދުވަހުގައެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ގައެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ފޮށިގަނޑަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ. މި ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. މަރާލި ކުއްޖާގެ ހަށިގަނޑު ހުޅުމާލެއަށް ގެންދިޔަ ކާރު ވެސް ވަނީ ބަލައި ފާސްކޮށްފައެވެ. އެ ކާރަކީ ޓެކްސީއެކެވެ. އަދި ޓެކްސީ ދުއްވި މީހާ މި އަމަލު ހިންގުމުގައި ޝާމިލުވެފައިވާ ކަން ކަށަވަރު ވެފައެއް ނުވެއެވެ.

މި މައްސަލައިގައި މިހާތަނަށް ވަނީ 2 މީހަކު ހައްޔަރު ކޮށްފައެވެ. އެއީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހުންގެ ބަންދަށް މުއްދަތު ޖަހަން ނެރުނު އަމުރުގައިވާ ގޮތުން 27 އަހަރުގެ ފިރިހެން މީހާގެ މައްޗަށް ފުލުހުން ތުހުމަތުކޮށްފައި ވަނީ މާރާމާރީ ހިންގުމާއި، ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކުރުމާއި، ރަހީނު ކުރުމާއި އަދި ގަސްދުގައި މީހަކު މެރުމުގެ ތުހުމަތެވެ. މި ތުހުމަތުތައް ވަނީ މި މައްސަލައިގައި ހައްޔަރު ކުރި 17 އަހަަރުގެ ކުއްޖާއަށް ވެސް ކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރު ކުރި 17 އަހަރުގެ ކުއްޖާގެ ބަންދަށް މިމަހު 7 ވަނަ ދުވަހު ވަނީ 13 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އަދި 27 އަހަރުގެ މީހާއަށް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހުކުމް ކޮށްފައެވެ. މި ދެމީހުން ހައްޔަރު ކޮށްފައި ވަނީ ހ. އެކްސްޓްރާ ހެވަން ގެސްޓްހައުސްގައި ފިލާ ތިއްބައި ޖޫން 28، 2021 ވަނަ ދުވަހުގެ ރޭ 9:30 ގައެވެ.