ހައިޓީގެ ރައިސް ހޮވެނިއެލް މޮއީސް އަވަހާރަކޮށްލުމުގެ ޖަރީމާގެ ފަހަތުގައިވާ އެއް މޭސްތިރި ކަމަށް ތުހުމަތު ކުރެވޭ މީހަކު، ހައްޔަރު ކޮށްފައި ވާ ކަމަށް އެ ގައުމުގެ ފުލުހުން ހާމަކޮށްފިއެވެ.

ހައިޓީގެ ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެމީހަކީ، ރައީސް ކަމުގެ މަގާމުގައި ހުންނެވި ހޮވެނިއެލް މޮއީސް އަވަހާރަކޮށް، އެ މަގާމަށް އާ މީހަކު އިސް ކުރުމުގެ މަގުސަދުގައި، ބޭރުގެ ގުރޫޕެއްގެ ހޯދި މޭސްތިރިއެވެ.

ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅުގައި ހުންނަވަނިކޮށް ރައީސް ހޮވެނިއަލް މޮއީސް އަވަހާރަކޮށްލާފައި ވަނީ 28 މެންބަރުންގެ ގުރޫޕަކުންނެވެ. އެ ގުރޫޕުގައި ހިމެނެނީ ކޮލަމްބިއާއަށް ނިސްބަތްވާ 26 މީހަކާއި އެމެރިކާގެ 2 މީހެކެވެ. ނަމަވެސް މޭސްތިރިއަކީ ހައިޓީ މީހެއް ކަމަށް އެ ގައުމުގެ ފުލުހުން ބުނެއެވެ.

ހައިޓީ ފުލުހުންގެ އިސްވެރިޔާ ލިއޯން ޗާލްސް ވިދާޅުވީ، އުމުރުން 63 އަހަރުގެ ކްރިސްޓިއަން އިމެނުއަލް ސެނޮން ނަމަކަށް ކިއާ މީހާ، ބޭރުގެ ސެކިއުރިޓީ ގާޑުންގެ ފައުޖަކާއެކު ހައިޓީއަށް ދަތުރު ކުރީ ޖޫން މަހުގެ ކުރީކޮޅުގައި ކަމަށެވެ. ސިޔާސީ ކަމެއް ފިޔަވާ ސެނޮންގެ އިތުރު މަގުސަދެއް އޮތް ކަމަކަށް ޗާލްސް ވިދާޅެއް ނުވެއެވެ.

ރައީސް މޮއީސް އަވަހާރަކޮށްލުމުގެ އަމަލު ހިންގުމުގައި ކޮލަމްބިއާއިން ބައިވެރިވި ބައެއް މީހުންނަކީ، ހުދު މޮއީސްގެ ސެކިއުރިޓީގެ ގޮތުގައި މަސައްކަތް ކުރި ބައެއް ކަމަށް ބުނާ ރިޕޯޓްތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.